ފަސް ލައްކަ ރުފިޔާގެ ސްކޭމް މައްސަލައެއްގައި މާފުށި ޖަލު ބަލައި ފާސްކޮށް، 22 ފޯނު އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ހާމަކުރި އެ މައުލޫމާތުގައިވާ ގޮތުން މާފުށި ޖަލު ބަލައިފާސްކޮށްފައިވަނީ ފުލުހުން މިހާރު ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުން ފަސް ލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައަކާއި މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެންނެވެ.

މާފުށި ޖަލު ބަލައި ފާސްކޮށް ފުލުހުން އަތުލައިގަތް ތަކެތީގެ ތެރޭގައި 22 ފޯނުގެ އިތުރުން 10 ޗާޖަރު، 10 ހެޑްސެޓް/އެއާޕޮޓް، ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއްގެ އިތުރުން މައްސަލައާ ގުޅުންހުރި ހެކިތަކެއް ހިމެނެއެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސްކޭމްތައް ގިނައިން ހިންގާފައިވަނީ މާފުށި ޖަލުން ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. ޖަލުން ހިންގާ ސްކޭމްތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޖަލުގެ ވަކި އޭރިއާއެއްގެ ނެޓްވޯޓް ބޭން ކުރުމަށް ވެސް ފުލުހުން ވަނީ މީގެ ކުރިން ދިރާގު އަދި އުރީދޫއާ މަޝްވަރާކޮށްފައެވެ. ނަމަވެސް އެކަން އަދި ކުރެވިފައެއް ނުވެއެވެ.