ކުރިއަށް އޮތް ރޯދަ މަހު އަސާސީ ތަކެތި އެސްޓީއޯ މެދުވެރިކޮށް ހެޔޮ އަގުގައި ލިބޭނެ ކަމަށާއި ތަކެތީގެ އަގު އިތުރަށް ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރޯދަމަހާ ދިމާކޮށް ކާބޯތަކެތީގެ އަގު ހެޔޮވާނެ ގޮތްތައް ހައްދަވައިދެއްވުން އެދި "ރައީސްގެ ޖަވާބު"ގައި އާއްމު ރައްޔިތަކު އެހި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ބަރަކާތްތެރި ރަމަޟާން މަސް ފެށިގެންދާ އިރުގައި އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި އަގުހެޔޮކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. މިހާރުވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައިވަނީ. އަދިވެސް ހަމަ އިތުރު މަސައްކަތްތައް ކުރާނަން އަގުހެޔޮކުރުމަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މެދު އަދި ދުރު ރާސްތާގެ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއް ރާއްޖޭގައި އުފައްދައި، ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުން ކަމަށެވެ. އޭރުން ތަކެތީގެ އަގުވެސް ދަށަށް ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރޯދަ މަހު އެންމެ ބޮޑަށް އަގު އުފުލިގެންދާ ބާވަތްތަކުގެ ތެރޭގައި އަސާސީ ކާބޯތަކެތި ހިމެނެއެވެ. އޭގެތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. އެސްޓީއޯއިން މިހާރު އަންނަނީ ރޯދަމަހަށް ހާއްސަކޮށްގެން އަސާސީ ކާބޯތަކެތި ރާއްޖެއަށް އެތެރެކޮށް ހެޔޮ އަގެއްގައި ވިއްކަމުންނެވެ.