ކުރިން ސްޓެލްކޯގެ އިންޖީނުތައް ބަހައްޓާފައި ހުރި ދޮންއަދަރާދަ ހިނގުން ހުޅުވާލައިފިއެވެ.

ދޮންއަދަރާދަ ހިނގުން ބަންދުކުރީ މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތް ޕަވާ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައެވެ. އެގޮތުން އެ މަގު ބަންދުކޮށް އެ ތަނުގައި 1.5 މެގަވޯލްޓްގެ ދެ އިންޖީނާއެކު ޕަވާޕްލާންޓެއް ބެހެއްޓިއެވެ.

މާލޭގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތް ފެށީ ސްޓެލްކޯގެ އަތޮޅުތެރޭ މުވައްޒަފުން ހިމެނޭހެން ވަރުގަދަ ޓީމަކާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައެެވެ.

އެ މަގު ރޭ ހުޅުވައިދެއްވީ އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ސުހެއިން ފަހުމީ އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، މަގު ހުޅުވުމުގެ އިރުޝާދު ލިބިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކަމަށާއި ރައްޔިތުންގެ ވިންދާއި އެއްގޮތައް އެ މަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުންގެންދަވާތީ އެކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.