ދިރާގުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ލިބޭ އިނާމުތަކާއެކު ހާއްސަ ޕްރޮމޯޝަންތަކެއް އިއުލާނުކޮށްފިއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ވަނީ އެ އޮފާތަކާއި އެ ކުންފުނީގެ ރަމަޟާން މަހުގެ ހާއްސަ ހަރަކާތްތައް ނޫސްވެރިންނާ ހިއްސާކޮށްފައެވެ.
ރަމަޟާން މަހުގެ ޕްރޮމޯޝަންގެ ދަށުން ދިރާގުން ވަނީ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ބޭނުންކުރެވޭ ހިތްގައިމު ފަސް އޮފާއެއް ތައާރަފުކޮށްފައެވެ. އެއީ؛
- ރޯދަ ބޯނަސް: 25 ރުފިޔާއަށް ވުރެ މަތިން ދިރާގު އެޕްއިން ކުރާ ކޮންމެ މުއާމަލާތަކަށްފަހު، ހާއްސަ ގޭމެއް ކުޅެގެން ކަސްޓަމަރުންނަށް ހިލޭ ބޯނަސް ޑޭޓާ ލިބޭނެއެވެ. ޕްރީޕެއިޑް ރީޗާޖު، އެޑްއޮންސް އަދި ބޫސްޓާ ގަންނަ ފަރާތްތަކަށް މި ގޭމު ކުޅެވޭނެއެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއް ފަހަރު ބޯނަސް ޑޭޓާ ހޯދޭނެއެވެ.
- ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓާ: ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުން ނަގާ ހާއްސަ ބޫސްޓަރތަކަކާއެކު ހަމަ އެއް އަގެއްގައި އިތުރު ޑޭޓާ ލިބިގެންދާނެއެވެ. މީގެ އިތުރުން ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަ ދެ ޑޭޓާ ބޫސްޓާއެއް - 100ޖީބީ 100 ރުފިޔާއަށް އަދި 400ޖީބީ 300 ރުފިޔާއަށް ނެގޭނެއެވެ.
- ޝެއާ ޔޯ ހެޕިނެސް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް 'ސްކްރެޗް އެންޑް ވިން' ގެ ގޮތުގައި ހިލޭ މިނީ ޑޭޓާ ޕްރައިޒް ލިބޭނެއެވެ. އަދި އެ އިނާމު ދިރާގު ނެޓްވޯކްގައި ތިބި އެ ފަރާތްތަކުގެ ރަހުމަތްތެރިންނާއި އާއިލާއަށް ހަދިޔާކުރެވޭނެއެވެ.
- ހިތްތައް ހޯދައިގެން އިނާމު: ކަސްޓަމަރުންނަށް ދިރާގު އެޕްއިން ހިތްތަކެއް ހޯދައިގެން ހާއްސަ އިނާމުތަކެއް ރިޑީމް ކުރެވޭނެއެވެ. ހޯދާ ކޮންމެ ހިތަކަށްވެސް ވަކި އަދަދެއްގެ ޕޮއިންޓް ލިބިގެންދާނެއެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހިތެއް ހޯދޭނެއެވެ.
- ދިރާގު އީޒޯން ސަޕްރައިޒް: ދިރާގު އެޕްގައިވާ އީޒޯން ބެނާއަށް ފިއްތާލައިގެން ކަސްޓަމަރުންނަށް ޝެމަރޫ، ހާޑީ ގޭމްސް، ޑޮކިއުބޭ އަދި ގްރޭންޑް ސްލޭމް ގޭމިން ފަދަ މުނިފޫހިފިލުވުމުގެ އެކި ޕްލެޓްފޯމްތަކުން ހިލޭ ސަބްސްކްރިޕްޝަން ލިބޭނެއެވެ. ސަބްސްކްރިޕްޝަން ލިބޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ހިލޭ ބޭނުންކުރެވޭނެއެވެ.
އޭގެ އިތުރުން ދިރާގު އެލީޓް ކްލަބު މެމްބަރުންނަށް ރަމަޟާން މަހަށް ހާއްސަ އޮފާތަކެއް އެކި ޕާޓްނަރު އައުޓްލެޓްތަކުން ލިބޭނެ ކަމަށާއި އެ އޮފާތަކާ ބެހޭ އިތުރު ތަފްސީލު ދިރާގު އެޕް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއަހަރުގެ ދިރާގު ރަމަޟާން މަހުގެ ކެމްޕޭން ޝިއާރަކީ 'ހެޔޮ ހިތުން' އެވެ. އެ ކެމްޕޭން ބިނާވެފައިވަނީ މި ބަރަކާތްތެރި މައްސަރުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހިތްހެޔޮ އަމަލުތައް ކުރުމުގެ މައްޗަށް ކަމަށާއި އެގޮތުން އެ ޝިއާރާ ގުޅިގެން ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑް އެންޖީއޯގެ 'ރަމަޟާން އެއިޑް' ކެމްޕޭންގެ ޕާރޓްނަރަކަށްވެ، އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުންޏެވެ.
އޭގެ އިތުރުން މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް)އާ ގުޅިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ އިފްތާރު ޕެކްތަކެއްވެސް ފޯރުކޮށްދިނުމަށް ދިރާގުން ވަނީ ނިންމައިފައެވެ.
ދިރާގުން ބުނީ މިފަހަރުވެސް އެ ކުންފުނިން ރަމަޟާން މަހަށް ހާއްސަކޮށްގެން ގެންދާ ހަރަކާތްތައް ކަމަށްވާ ތަށިބަރި މޫވްމަންޓާއި ދިރާގު ގުޑިފެސްޓް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް އެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިރާގުޕޭ އެޕް އަދި ވެމް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ގުޅުވައިގެން ދަނީ ކަސްޓަމަރުންނަށް ހާއްސަ އާ އޮފާތައް ގެނެސްދެމުންނެވެ. އަދި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު