މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ދިވެހި ސިފައިންގެ ކްލަބުގެ ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ، ފަސޫހާ އަހުމަދު ހޯދައިފިއެވެ.
އިއްޔެ އެކުވެނީގައި ނިމިގެން ދިޔަ މިފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ސާއިދު ވަނީ ތިން ރަން މެޑަލް ހޯދައިފައެވެ. އެއީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ އިތުރުން، ހަތަރެއް ގުނަ 100 މީޓަރު ދުވުމުން ހޯދި މެޑަލްތަކެވެ.
ސާއިދު، 200 މީޓަރު ރޭހުގެ ފައިނަލް އެއް ވަނައިގައި ނިންމާލީ، 22.05 ސިކުންތުންނެވެ. ދެ ވަނައިގައި ނިންމި އަހުމަދު ނަޖުދާން އަބްދުﷲ ގެ ޓައިމިން އަކީ 22.22 ސިކުންތެވެ. އަދި ތިން ވަނަ ހޯދި އިބްރާހިމް ނާހިލް ނިޒާރު ވަނީ 22.69 އިން ރޭސް ނިންމައިފައެވެ. 100 މީޓަރު ރޭހުގައި ސާއިދު އެއް ވަނަ ހޯދީ، 10.65 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނައަށް ދިޔަ ނަޖުދާން، 10.94 އިން ރޭސް ނިންމި އިރު، ތިން ވަނަ ހޯދި ނާހިލްގެ ޓައިމިންއަކީ 11.06 ސިކުންތެވެ.
ހަތަރެއް ގުނަ 100 މީޓަރު ރިލޭގައި، ސާއިދު ހިމެނޭ ދިވެހި ސިފައިންގެ ކްލަބުން އެއްވަނަ ހޯދީ 43.47 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ގައުމީ ގްރޯން ޕްރީގެ އެއްވަނަވެސް ހޯދި ފަސޫހާ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ހޯދީ 800 މީޓަރާއި 1500 މީޓަރު އަދި 5000 މީޓަރު ރޭހުން ރަން މެޑަލް ހޯދައި، ހަތަރެއް ގުނަ 100 މީޓަރުން ލޯ މެޑަލާއި ހަތަރެއް ގުނަ 400 މީޓަރުގެ ރިލޭ އިން ރިހި މެޑަލް ހޯދައިގެންނެވެ.
އަންހެނުންގެ 800 މީޓަރު ރޭހުގައި ފަސޫހާގެ ޓައިިމިން އަކީ ދެ މިނިޓް 22.94 ސިކުންތެވެ. ދެވަނައިގައި ނިންމި ޒީކް އަޝްރަފް ރަޝީދުގެ ޓައިމިން އަކީ ދެ މިނެޓް 29.52 ސިކުންތެވެ. އަދި ތިން ވަނަ ހޯދި އައިޝަތު ބިންތި އަހުމަދުގެ ޓައިމިން އަކީ ދެ މިނެޓް 35.42 ސިކުންތެވެ.
ފަސޫހާ، އަންހެނުންގެ 1500 މީޓަރު ރޭސް ކާމިޔާބުކުރީ ފަސް މިނިޓް، 22.26 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނައަށް ދިޔަ ޒީކްގެ ޓައިމިންއަކީ ފަސް މިނެޓް 28.69 ސިކުންތެވެ. އަދި ތިން ވަނަ ހޯދި އައިޝަތުގެ ޓައިމިން އަކީ ފަސް މިނެޓް 30.29 ސިކުންތެވެ. ފަސް ހާސް މީޓަރުގެ ދުވުމުގައި، ފަސޫހާގެ ޓައިމިން އަކީ، 22 މިނެޓް 23.15 ސިކުންތެވެ. ދެވަނައިގައި ނިންމި އައިޝަތު ރޭސް ނިންމީ 22 މިނެޓް 28.34 ސިކުންތުންނެވެ. އަދި ތިން ވަނައިގައި ނިންމާލި ޒީކްގެ ޓައިމިން އަކީ، 23 މިނެޓް 07.94 ސިކުންތެވެ.
އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ ކެޓަގަރީ ޖޫނިއާ ބައިން އެއް ވަނަ ހޯދި އެތުލީޓުންނަކީ، މުހައްމަދު ޔޫނުސް ބިން ހުސެއިން ބިން އިބްރާހިމް އާއި އައިމިނަތު އައުހާ އަބްދުލް ރަހުމާންއެވެ.
އައްޑޫ އެތުލެޓިކްސް ޓީމުގެ ޔޫނުސް ވަނީ، 400 މީޓަރުގެ ދުވުމާއި 80 މީޓަރުގެ ހާޑްލްސް އިން ރަން މެޑަލް ހޯދުމުގެ އިތުރުން ޓްރިޕްލް ޖަމްޕް ކެޓަގަރީން ރިހި މެޑަލް ހޯދައިފައެވެ. ޝަރީފް ސްޕޯޓްސް ޓީމުގެ އައުހާ ވަނީ ޖުމްލައާ އެކު، އޭނާގެ އުމުރުފުރާގައި ފަސް މެޑަލް ހޯދައިފައެވެ. އެއީ، ތިން ރަން މެޑަލާއި ދެ ލޯ މެޑަލްއެވެ. ރަން މެޑަލް ހޯދީ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ލޯންގް ޖަމްޕް އިންނެވެ. އަދި މެޑްލީ ރިލޭ އާއި ހަތަރެއް ގުނަ 100 މީޓަރު ރޭހުން ލޯ މެޑަލް ހާސިލްކުރިއެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް