ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެއަތޮޅަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ތިން ރަށަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުން ކުރިއަރުވާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އެއަތޮޅު ކުރެންދޫއަށެވެ. އެމަނިކުފާނު، ކުރެންދޫއަށް ވަޑައިގެންފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.

މިހާތަނަށް އެމަނިކުފާނު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ޖުމްލަ 145 ކައުންސިލަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުންކަމުގައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.