ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، އަރިހުގައި ތިއްބެވި އެންމެން މިހާރު އެ މަނިކުފާނު ދޫކޮށް ހިނގައްޖެ ކަމަށާއި މިހާރު ރައީސް ހުންނެވީ އެކަނިވެރިވެފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު އިއްޔެ ވަނީ އިންޑިއާގެ ރިޕަބްލިކް ނަމަކަށް ކިޔާ ޓީވީ ޗެނަލެއްގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސް މުއިއްޒުގެ ވެރިކަން ވެއްޓެނީތޯ ޕްރޮގްރާމުގެ ހޯސްޓު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒަށް ވެރިކަމަށް އާދެވުނީ ދެ ސަބަބަކާހުރެ ކަމަށެވެ.
ފުރަތަމަ ކަމަކީ އެމްޑީޕީ ދެބައިވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކަށިވުން ކަމަށާއި ދެވަނަ ސަބަބަކީ އެމްޑީޕީން ވަކިވި މެންބަރުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މުއިއްޒަށް ތާއީދު ކުރެއްވުން ކަމަށް ވިދާޅުވިއެވެ.
"މިހާރު ރައީސް މުއިއްޒުގެ އަމއިްލަ ޕާޓީ ދެބައިވެ، ރައީސް ޔާމީން ރައީސް މުއިއްޒުއާ ފެޔަށް ޖެހިވަޑައިގެންފި. މިހާރު އެކަކުވެސް ރައީސް މުއިއްޒު ކައިރިއަކު ނެތް. އެ ހުރީ ވަރަށް ބޮޑަށް އެކަހެރިވެފައި،" ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތް ސާފުވެގެންދާނެ ކަމަށެވެ. އަދި ރައްޔިތުން ރަނގަޅު ގޮތެއް ނިންމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު