ކ. ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންއާ ބެހޭގޮތުން ގުޅިފަޅުން ގޯތި ލިބުނު މީހުންނާއެކު މަޝްވަރާގެ ބައްދަލުވުމެއް ބޭއްވުމަށް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބައްދަލުވުން ބާއްވާނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ކަމަށެވެ. ބައްދަލުވުން ބާއްވާނެ ގަޑިއެއް ފަހުން އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.

ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން އެ ބައްދަލުވުމަށް ދާން ބޭންވާނަމަ https://docs.google.com/forms/d/e/1FAIpQLSc7RxwNV5t-s3ZHPNM2e_TEaqZNkeAy14iAAwmnprQjxWNotg/viewform މެދުވެރިކޮށް ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގައެވެ.

އެ ޕްލޭންގައިވާ ގޮތުން ގުޅިފަޅުން ވަނީ ގޯއްޗަށާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަހައްދެއް ކަނޑައަޅައިފިއެވެ.

ގުޅިފަޅުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވާ އިރު، ޕާކުތަކާއި ކުޅިވަރު ކުޅޭނެ ތަންތަނަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އޭގެ އިތުރުން އިގުތިސޯދީ މަސައްކަތްތަކަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އެ ބިން ހާއްސަކުރަނީ އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ސިޓީ ހޮޓާތައް ތަރައްގީކުރުމަށެވެ.

މީގެ އިތުރުން ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފަރީތަކަށްވެސް ބިން ކަނޑައަޅާފައިވެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ވަނީ މާލޭ މީހުންނަށް ގުޅިފަޅުން ގޯތި ދޫކޮށްފައެވެ. އެގޮތުން ގުޅިފަޅުން 450 ގޯތި ދޫކުރުމަށް ކުރީ ސަރުކާރުން ވަނީ ނިންމައިފައެވެ.

މި ސަރުކާރުން ނިންމާފައިވަނީ ކުރީ ސަރުކާރުން ކަނޑައެޅި މިންވަރަށް ވުރެ ބޮޑުކޮށް ގުޅިފަޅު ހިއްކައި، އިތުރު މީހުންނަށް ވެސް ގޯއްޗާއި ފުލެޓު ދިނުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ 3،500 ގޯތި ދޫކޮށް، ތިން ކޮޓަރިއާއި ހަތަރު ކޮޓަރީގެ 8،700 ހައުސިން ޔުނިޓު ހެދުން ކަމަށެވެ.