ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14ގެ މަގުޗާޓުގައި ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީއާ ހާވާލުކުރި ސިޔާސަތުގެ ތެރެއިން ފަންނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ބޭއްވި ހެކަތޯނުން އެއްވަނައަށް ހޮވުނު ފަރާތަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފިއެވެ.

"ޔޫތު ހެކް 2024"ގެ އެއްވަނަ ޓީމަކަށް ހޮވުނީ "ފަންނުވެރިން" އެވެ. އެ ހެކަތޯން ނިންމުމުގެ ގޮތުން ބޭއްވި ހާއްސަ ރަަސްމިއްޔާތުގައި އެ ޓީމަށް ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ.

ހެކަތޯންގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ "ހަފްލާ" އެވެ. އަދި ތިންވަނަ ޓީމަކަށް ހޮވިފައިވަނީ "ޓީމު ބްރައިޓް މައިންޑްސް އެޑިއުކޭޝަން" އެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ، އަންހެނުންގެ ދައުރު ފުޅާކުރުމަށް ފެށުމުގެ ގޮތުން "ފަންނިއްޔާތު" ވޯކް-އިން ސެޝަންތަކެއް ބާއްވައި، އެ ސެޝަންގައި ފަންނިއްޔާތުގެ ދާއިރާއިން އަންހެނުން ކުރިއަށްދިއުމަށް ހުޅުވާލާ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިން ކަމަށެވެ.

އެގޮތުން ކޯޑިން އާއި، ފަންނިއްޔާތުގެ ދާއިރާއިން 500 ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ތެރެއިން ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ކޯޑިން ދާއިރާއިން އަންހެނުންނާއި ޒުވާނުން ތަމްރީނުކުރުމަށް "ޔޫތު ހެކް 2024" ގެ ނަމުގައި، މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ ހެކަތޯންއެއް ބޭއްްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ހެކަތޯންގައި ޖުމުލަ 10 ޓީމެއް ބައިވެރިވި އިރު، އޭގެ ތެރޭގައި އަންހެން ބައިވެރިންގެ ދެ ޓީމެއް ހިމެނެއެވެ. އަދި އެ ހެކްތޯންގައި ޖުމުލަ 13 އަންހެން ބައިވެރިޔަކު ވަނީ ބައިވެރިވެފައެވެ.

އޭގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށްގެން ފަންނުގެ ދާއިރާއިން އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުމަށް އަދި އެ ފަރާތްތަކުގެ ހުނަރު ގިނަ ބަޔަކަށް ދައްކާލުމުގެ ގޮތުން މިނިސްޓްރީން ވަނީ "ފަންނީއުފާ"ގެ ނަމުގައި ހަރަކާތެއް ހިންގައިފައެވެ.

  • މެންޓަލް ހެލްތު: ނަފުސާނީ ދުޅަހެޔޮކަމާއި ސިއްހަތަށް އަމާޒުކޮށްގެން ޓެކްނޮލޮޖީ ބޭނުންކޮށްގެން އިނޮވޭޓިވް ސޮލިއުޝަންތަކެއް އުފެއްދުން
  • އިނޯވޭޓިވް މާކެޓްޕްލޭސް: ޑިޖިޓަލް ގާބިލުކަން އިތުރުކޮށް، ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދޭ އީ-ކޮމާސް ސްޓްރެޓެޖީތައް އެކުލަވާލުން
  • ކްރިއޭޓާ އިކޮނޮމީ: ކޮންޓެންޓް ކްރިއޭޓަރުންނަށް ޑިޖިޓަލް ޕްލެޓްފޯމުތަކާއި ޓެކްނޮލޮޖީގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމަށް ދުޅަހެޔޮކަމާއި، ޖިސްމާނީ ދުޅަހެޔޮކަމާއި، ވިސްނުންތެރިކަމާއި، ނަފުސާނީ ދުޅަހެޔޮކަމަށް ހައްލު ހޯދައިދޭ އިނޮވޭޓިވް އެޕްތަކެއް އުފެއްދުން

އެއީ ސިލްސިލާކޮށް ކޮންމެ މަހަކު އެއް ފަހަރު އޮންނަ ހަރަކާތެކެވެ. އެ ހަރަކާތް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން ފަންނުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާވެގެން ދިޔަ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

އެ ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި މާސްޓާކާޑް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ރާއްޖެއޮންލައިން (އާރްއޯއެލް) ހިމެނެއެވެ.