ގާނޫނުތަކަށް ބަދަލު ގެނެސް ކައުންސިލްތަކާއި ޑަބްލިއުޑީސީތަކަށް ލާމަރުކަޒީ އުސޫލުންދޭ ފައިސާ އިތުރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކ. ގުރައިދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން ރަށްރަށް ތަރައްގީ ކުރުމުގެ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ލިބޭ ހުރިހާ އާމްދަނީއެއް މައި ސަރުކާރުން އެއްކޮށް ބަޖެޓު ހެދުމަށްފަހު އެ ބަޖެޓުން ލިބޭ އެތިކޮޅެއް ކައުންސިލްތަކަށް ދީގެން ރަށްރަށުގައި ކަންކަންކުރާ އުސޫލު ބަދަލުވާން ޖެހޭ ކަމަށެވެ.
އޭގެ ބަދަލުގައި އެކި އެކި އިގްތިސާދީ މަސައްކަތްތަކާއި ސިނާއީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބިދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތުގެމަތިން ދައުލަތަށް ލިބޭ ޓެކްސް ފައިސާގެ ބައެެއް ލާމަރުކަޒީ އުސޫލުން އެ ކައުންސިލްތަކާ ހަވާލުކުރުމަކީ ރައްޔިތުންނަށް ދެވޭ ބާރުވެރިކަމެއް ކަމަށެވެ.
"އެގޮތަށް ލާމަރުކަޒީ އުސޫލުން ކައުންސިލްތަކަށް ފައިސާ ލިބޭގޮތް ހަމަޖެއްސުމަކީ އެރަށެއްގެ ކައުންސިލްގެ ފެންވަރުން އެކި ކަހަލަ އިގްތިސާދީ މަސައްކަތްތާކާއި އާމްދަނީ އިތުރުކުރުމުގެ މަސައްކަތާއި، ރަށުގައި މަރާމާތުކުރަން ހުރި މަރާމާތު ކުރުމުގެ މަސައްކަތްތައް ފެށޭނެކަމެއް، އެގޮތަށް އާމްދަނީ ޖަމާކޮށްދޭން ފެށީމަ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށްދޭ ފައިސާ ގާނޫނުތަކަށް އިސްލާހު ގެނަސްގެން އިތުރުކޮށްދެއްވާނެ ކަމަށެވެ. އަދި ގާނޫނުތައް އިސްލާހުކޮށް ދައުލަތުގެ ބަޖެޓުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ގްރާންޓްގެ ގޮތުގައި މިހާރު ދޭ ފައިސާ ކޮމިޓީތަކުގެ ހަރަކާތްތަކަށް ހާއްސަކޮށް މެންބަރުންގެ މުސާރަ ކޮމިޓީގެ ބަޖެޓަށް އިތުރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން އަންހެނުންގެ ތަރައްގީއަށް މާ ގިނަ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވީ ގާނޫނުތަކަށް އިސްލާހު ގެނެސްގެން މި ކަންކަން ފަސޭހަކުރުމަށްޓަކައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް އެހީތެރިވާނެ މެންބަރުންތަކެއް ތިބުމަކީ މުހިއްމު ކަމެއްކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު