މިދިޔަ އަންގާރަ ދުވަހު އެކަނިވެސް މަސްވެރިންނަށް 50 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދަ މަސް ފެށުމުގެ ކުރިން ދައްކައި ހަލާސްކުރައްވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހު މަސްވެރިން ކޫއްޑޫގައި ކުރި މުޒާހަރާއާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެއިރު ނުދައްކައިހުރި 280 މިލިއަން މި މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ދައްކައި ހަލާސް ކުރައްވާނެ ކަމަށެވެ. އެ ފަހުން މިފްކޯއިން ވަނީ 105 މިލިއަން މަސްވެރިންނަށް ދޫކޮށްފައެވެ.
ހަފުތާ-14 މަގު ޗާޓުގައި ފިޝަރީޒް މިނިސްޓްރީން މަތިކޮށްފައިވާ ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަސްވެރިންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް މިހާރު އަލުން ފަށާފައިވާ ކަމަށެވެ.
"ފަސް ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ފައިސާ ދޫކުރަމުންދަނީ، އެ ދުވަހު އެކަނިވެސް 50 މިލިއަން ރުފިޔާވަނީ ދޫކޮށްފައި، އުއްމީދަކީ ރަމަޟާން މަސް އައުމުގެކުރިން ބެކްލޮގް ކްލިއާ ކުރުން،" މިނިސްޓަރު ޝިޔާމު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު މަސްވެރިންނަށް ނުދެވި ހުރީ 147 މިލިއަން ރުފިޔާ ކަމަށެވެ. އެއީ އެއް މަހުގެ މަހަށްވާ ފައިސާއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެއްކޮށް ދީ ނިންމާލެވި މިފްކޯގެ ކޭޝް ފްލޯ ހަމައަކަށް އެޅުމުން ދެން އަމާޒު ހިފާނީ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށުމަށް ކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހާވެސް އަވަހަކަށް އެކަން ހާސިލުކުރުމަށްކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު