މާލޭ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ނުދުއްވާ ހުރި 100 އަށްވުރެ ގިނަ ސައިކަލު މި ހަފުތާގެ ތެރޭގައި ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް ޕޮލިސް ކޮމާންޑްގެ ހެޑް، ޗީޕް ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މާލޭގެ މަގުތަކުގެ ޓްރެފިކް ލުއިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން މަގުތަކުގައި ނުގަވައިދުން ހުރި އަދި ގިނަދުވަސްވީ ވެހިކަލްތައް ނެގުމުގެ މަސައްކަތް މި ހަފުތާގައި ފަށާފައިވާ ކަމަށެވެ.

"މާލޭގެ މަގުތަކުގައި ގިނަ ދުވަސްވީ ސައިކަލުތައް ނެގުމުގެ މަސައްކަތް މި ހަފުތާގައި ކުރިއަށް އެބަ ގެންދަން. މިހާތަނަށް ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ސައިކަލު އަޅުގަނޑުމެން މިހާރު ވަނީ ނަގާފައި" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޓޯކުރި ސައިކަލުތަކަކީ ހަފުތާއަކަށް ވުރެ ގިނަ ދުވަހު ނުދުއްވާ ހުރި ސައިކަލުތައް ކަމަށެވެ.

ޝަރީފް ވިދާޅުވީ، ވީރާނާވެފައިވާ 156 ހަތަރުފުރޮޅުލީ އުޅަނދުވެސް ނަގާފައިވާ ކަމަށެވެ. އަދި އެއީ އިންޖީނު ނެތް ހަމައެކަނި "ތޮށިގަނޑު" ހުރި އުޅަނދުތައް ކަމަށް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ޓޯކުރާ ވެހިކަލްތައް ބެހެއްޓުމަށް ހުޅުމާލެއިން ދެ ބިމެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޓޯކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.