ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބަހައްޓާފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ކަރޯކޭ ކުޅުއްވާ ކަމާއި އެ ކަމަށް ރައީސްގެ ރަސްމީގެ، މުލީއާގެއަށް އަގުބޮޑު ކަރޯކޭ ސިސްޓަމެއް ގަނެ ވެއްދި ކަމަށް ބުނެ ފޮޓޯއަކާއެކު ސޯޝަލް މީޑިއާގައި އިއްޔެ ވާހަކަތަކެއް ފެތުރިއެވެ.

ދައުރު ކުރަމުންދާ ފޮޓޯތަކުގައި ފެންނަނީ ރަނގަޅު ފެންވަރަކަށް ހަދައި، ކާޕެޓު އަޅާފައިވާ ތަނެއްގައި، އިސްކޮޅު ވަރުގެ ދެ ސްޕީކަރާއެކު ހުރި ބޮޑު ކަރޯކޭ ސިސްޓަމެކެވެ. އެ ސިސްޓަމް ގެނައީ ސިންގަޕޫރުން ކަމާއި އެކަމަށް ދައުލަތުން 80،000 ޑޮލަރު ނުވަތަ 1.5 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށްވެސް ފަތުރަމުންދާ ވާހަކަތަކުގައި ބުނެފައިވެއެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މުލިއާގޭގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ދޮގެއް ކަމަށެވެ.

"މިއީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއިން ގޭތެރޭގައި ކުރައްވާކަމެއްވެސް ނޫނެވެ." ހަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ ދޮގުވާހަކަތައް ފަތުރަން މަސައްކަތް ކުރަނީ ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށްފަހު، އެފަދަ ބޮޑެތި ހިޔާނާތްތައް ފޮރުވަން މަސައްކަތް ކުރާ ފަރާތްތަކުގެ ފަރާޓުން ކަމަށެވެ.

"ފޭކް ފޮޓޯތައް މީޑިއާއަށް ނެރެ، މިފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުމުވެ.،" ހަލީލުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.