މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް 290 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވެއްޖެއެވެ.

ހޯމް ސެކްޓާއިން އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްއާން ވިދާޅުވީ، ފާއިތުވި 20 ދުވަހުގެ ތެރޭގައި، ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްޕެޓް އޮޕަރޭޝަންސްގެ ދަށުން ހަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން ތިން އޮޕަރޭޝަނެއް ހިންގައި 49 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެއީ ތިން އަންހެނުންނާއި 46 ފިރިހެނުން ކަމަށްވެސް ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ، ފާއިތުވި 20 ދުވަހުގެ ތެރޭގައި 68 ބިދޭސީއަކު ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. އެއީ އިމިގްރޭޝަން ގާނޫނާ ހިލާފުވި މީހުންނާއި އެހެން ބައެއް ހުއްދަތަކާ ހިލާފުވި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަމިއްލައަށް ފުރަން ބޭނުންވެގެން 113 ބިދޭސީއަކު ވަނީ ފުރުވާލެވިފައި،" ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި މިހާރު 122 ބިދޭސީއަކު އެބަތިބި ކަމަށާއި ޕާސްޕޯޓް ނޯންނަ މީހުންނަށް އެމްބަސީތަކާ ގުޅިގެން ޓްރެވެލް ޑޮކިއުމެންޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޕާސްޕޯޓް އޮންނަ މީހުން ލަސްނުވެ ފުރުވާލަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"އެގޮތުން، 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް 527 މީހުން ރީ-އިންޓަގްރޭޓް ކުރެވި 290 މީހުން ޑީޕޯޓް ކުރެވި 817 މީހުން މިހާރު ވަނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ފުރުވާލައިފައި،" ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން އިތުރަށް ވިދާޅުވީ، މި ސަރުކާރު އައުމުގެ ކުރިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް އޮތީ ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ނުގެންގޮސް ކަމަށެވެ.