ބާތިލު ވޯޓު މަދުކުރުމުގެ މަގުސަދުގައި "އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދު" އަށް އިސްލާހުތަކެއް ގެނެސްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދަށް ގެނައި އިސްލާހުތައް ގެޒެޓުކޮށްފައެވެ.
އެ އިސްލާހުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ބާތިލު ވޯޓެއް ކަމަށް ބަލާނެ ހާލަތްތަކެވެ.
- އީސީން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ނޫން ކަރުދާހެއްގައި ދީފައިވާ ކޮންމެ ވޯޓެއް
- އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ފާހަގަ ޖަހައިފައި ނުވާ ވޯޓު
- ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު
- ވޯޓުދޭ މީހާ ވޯޓުދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު
- އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު އެއް ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހައިފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހައިފައިވާ ވޯޓު
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި އެއް ރަނގަޅު ފާހަގައަށްވުރެ ގިނަ ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ކަޅުކުލައިގެ ނުވަތަ ނޫކުލައިގެ އާދައިގެ ގަލަމެއް ފިޔަވައ،ި އެހެން ކުލައެއްގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަ ޖަހައިފައިވާ ވޯޓު
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި 7،888 ވޯޓު ލައިފައިވެއެވެ. އަދި މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަނުގައި ވެސް 402 ބާތިލު ވޯޓު ލައިފައިވެއެވެ.
"އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދު"ގައި ކުރިން ބަޔާންކޮށްފައިވަނީ އިންތިހާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށް، އިންތިހާބަށް ކުރިމަތިލުމަށް އިޢުލާނުކުރުމާއެކު، އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވި ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފައްދަންވާނެ ކަމަށެވެ. އަދި ޝަކުވާގެ ނިޒާމު ފަސޭހަކުރުމަށްޓަކައި، ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއްގެ އިތުރުން އިތުރު ކޮމްޕްލެއިންޓްސް ބިއުރޯތައް ގާއިމު ކުރެވިދާނެ ކަމަށެވެ. އިތުރަށް ބަޔާން ކޮށްފައިވަނީ ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ނުވަތަ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމުގެ ކުރިން ހުށަހަޅާ ޝަކުވާ ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށެވެ.
ނަމަވެސް މިއަދު ގެޒެޓުކުރި އިސްލާހުގައިވަނީ އެ ހުރިހާ ކަމެއް އުނިކޮށްފައެވެ. އަލަށް ގެނައި އިސްލާހުގައި ބަޔާން ކޮށްފައިވަނީ ރަށު، އަވަށު، އަތޮޅު އަދި ސިޓީ ފޯކަލް ޕޮއިންޓުތަކަށް އިންތިހާބާ ބެހޭ މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލަތައް ދުވަހުން ދުވަހަށް އަތޮޅު ނުވަތަ ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ނުވަތަ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ފޮނުވަން ވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު