ދ. ކުޑަހުވަދުއަކީ މި ސަރުކާރުން ތަރައްގީ ކުރަން ނިންމައިފައިވާ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރު ކަމަށާއި އެ ރަށުގައި ވިޔަފާރި ބަނދަރެއް ވެސް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދުއަށް ވަޑައިގެން، މިއަދު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީ ކުރެވޭނީ ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތަކުން ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ އަދި ރައްޔިތުން ބަލައިގަތް މެނިފެސްޓޯގައި ހިމަނާފައިވާނީ ހުރިހާ ހިދުމަތްތަކެއް ލިބޭ ތަރައްގީގެ ހަތް އާބަން ސެންޓަރު ގާއިމުކުރުމަށް ކަމަށެވެ.
އެ އާބަން ސެންޓަރުތައް ވެގެންދާނީ އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް ގާއިމުވެގެންދާ ތަންތަނަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެކި ރަށްރަށުން މީހުން އަމިއްލަ އިހުތިޔާރުގައި ހިޖުރަކުރާނެ ތަންތަނަށް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ދެންނެވި ހަތް އާބަން ސެންޓަރުގެ ތެރެއިން ކުޑަހުވަދޫއަކީ އެއްތަން ކަން މިއަދު ހަމަ ދަންނަވާލަން ބޭނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާބަން ސެންޓަރެއްގެ ގޮތުގައި ކުޑަހުވަދޫގެ ތަރައްގީ ކުރާނަމަ، މިރަށުގެ ބަނދަރަކީ ވަރަށް ބޮޑުކޮށް ވަރަށް ރަނގަޅަށް ހަދަންޖެހޭނެ ބަނދަރެއް ކަމަށެވެ.
"ކޮމާޝަލް ހާބަރެއް މިތަނަށް އަންނަން ޖެހޭނެ. އަދި އޭގެ ފައިދާ މުޅި ސަރަހައްދަށް ކުރާނެ. އެކަމަކީ އަބަދު ބަޖެޓުގައި ޖަހައި ބަޖެޓުން ގެއްލޭ ކަމަކަށްވުމުގެ ބަދަލުގައި ހަގީގީ ކަމަކަށް އަދި ހަގީގަތުގައި ތިބޭފުޅުންގެ ލޯކުރިމައްޗަށް ފެންނަ ތަނަކަށް ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ވެސް ކުޑަހުވަދުއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން ވައުދުވިއެވެ. ނަމަވެސް އެކަން ހާސިލުވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު