ޑުރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކަށް މިދިޔަ ފަސް އަހަރު މާފު ދީފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް ސެކްޓާއިން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަަފާރި ކުރާ މީހުންގެ މައްޗަށް ކުށް ސާބިތުވުމަށްފަހު އެ މީހުން ޖަލުން ދޫވާ އިރު، އެ މީހުން ދޫކޮށްފައި ހުރި ގޮތަށް ބަލައިލާފައިވާ ކަމަށެވެ.

"ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އުމުރަށް ޖަލާލާފައި ތިބި މީހުން، އެއީ ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލާފައި ތިބި މީހުންގެ ތެރެއިން 314 މީހަކަށް އެބައިން ފާއިތުވި ފަސް އަހަރު ދުވަހު މާފު ދެވިފަ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، އުމުރަށް މީހަކު ޖަލަށް ލެވެނީ، ފުލުހުން ވަރަށް ބުރަ މަސައްކަތްކޮށްގެން ހިންގާ ތަހުގީގެއް ނިމި، ޕްރޮސެކިއުޓް ކުރެވި، ކޯޓު މަރުހަލާތައް ނިމުމުން ކަމަށާއި ފަސޭހައިން މައާފު ދިނުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ "ވާނުވާ" ބަންދުގައި ތިބި މީހުންގެ ކަންކަންވެސް ބަލަމުން އަންނަ ކަމަށާއި އެފަދަ ބަންދުގައި ގިނައިން ތިބީ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން ކަމަށެވެ. ނަމަވެސް އެ މީހުންނަށްވެސް ދެވެން ހުރި ލުއިތައް ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.