ދިވެހި ފުލުހުންގެ ހިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ކުރިއަށްގެންދާ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން "ރައްކާ"ގެ ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި އެލައިޑާއި ފުލުހުންނާ ދެމެދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެލައިޑުގެ ފާރާތުން އެެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާނެވެ. އަދި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެލައިޑުގެ ޖެނެރަލް މެނޭޖަރު ފިރުޝާން ވިދާޅުވީ، އަލަށް މަގުތަކަށް ނުކުންނަ ފަަރާތްތަކަށް މަގުތަކުގެ ޑިސިޕްލިން ދަސްކޮށްދިނުން ވަރަށް މުހިންމު ކަމަށާއި ބޮޑު ކަމެއްގައި މީހަކަށް ނުވަތަ އެއްޗަކަށް ގެއްލުންވެއްޖެ ހާލަތެއްގައި އެލައިޑުން، އިތުރު ކޮމްޕްލްސިވް އިންޝުއަރެންސް ދެމުންގެންދާ ކަމަށެވެ.

ނަމަވެސް އެއީ ލިބޭ ގެއްލުންތައް ފޫބެއްދޭ ވަރަށްވުރެ ކުޑަ އަދަދެއް ކަމަށާއި އެހެންކަމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެންމެންވެސް މަގުތަކުގެ ގަވާއިދުތަކަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ނަވީން ވީދާޅުވީ ބޭނުންވަނީ ކުރިއަށް ހުރި ޕްރޮގްރާމްތަކުގައި ދުއްވާ ތަކެތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދަމައިގަތުމަށް ބޭނުންކުރެވޭނެ އުކުޅުތަކަކީ ކޮބައިތޯ ބަލައި ހޯދުން ކަމަށެވެ.

އިތުރު އާ ޖިލެއް ބިނާކުރުމަށް، ޓްރެފިކް މޮނީޓަރުން ތަމްރީނުކުރުން މުހިންމު ކަމަށް ނަވީން ވިދާޅުވިއެވެ. އަދި އެފަދަ ޕްރޮގްރާމުތަކަށް ސްކޫލުތަކުން ދޭ ތަރުހީބަށް ވެސް ފުލުހުންގެ ފަރާތުން ނަވީން ޝުކުރު އަދާކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި އެލައިޑުގެ އިތުރުން ޝީޝާ ވެސް ވަނީ ސްޕޮންސަރަކަށް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

"ރައްކާ" ކެމްޕޭންގެ ދަށުން ފުލުހުން ޕްރޮގްރާމުތައް ކުރިއަށްގެންދަން ފަށާފައިވަނީ މީގެ ދިހަ އަހަރު ކުރިންނެވެ.