އަންނަ އޭޕްރިލް މަހުގެ ފަހުކޮޅު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް އިތުރުވި މީހުންގެ ލިސްޓު އާންމުކޮށް އެ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އީސީން އިއްޔެ ބުނީ، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް އިތުރުވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 15:00 އަށް ހުލުވާލާފައިވާ ކަމަށެވެ.
ޝަކުވާ ބަލައިގަތުން ކުރިއަށްދާނީ ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށް މާލޭގައި ދަރުބާރުގޭ އިންތިހާބާ ބެހޭ މަރުކަޒުގައެވެ. ރަށްތަކުގައި ރަށު ކައުންސިލުތަކުންނެވެ. އައްޑޫގައި، އައްޑޫ ސިޓީ އަތޮޅު އޮފިހުގައެވެ. ކުޅުދުއްފުށި ސިޓީގައި އެ ސިޓީގެ ކައުންސިލު އިދާރާއިންނެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީން ކުރިން ނިންމީ މިމަހުގެ 17 ވަނަ ދުވަހަށެވެ. ނަމަވެސް މިހާރު ވަނީ ކުރިއަށް އޮތް އޭޕްރީލް 21 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފައެވެ.
އީސީން އާންމުކުރި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް އިތުރުވި މީހުންގެ ލިސްޓުގައި މާޗު 17 އިން ފެށިގެން އޭޕްރީލް 21 އަށް 18 އަހަރުފުރޭ 560 މީހުން ލިސްޓުގައި ހިމެނެއެވެ.
މަޖިލިސް އިންތިހާބު ފަސްކުރަން އީސީން ނިންމީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް މަޖިލީހުން ފާސްކުރި އިސްލާހު ތަސްދީގު ނުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލުމުން އެ ބިލް އޮތްގޮތަށް މަޖިލީހުން ދެވަނަ ފާސްކުރުމާ ގުޅިގެން މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ.
ރައީސް ޑރ. މުއިއްޒު ރ. އަތޮޅާއި ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިދިޔަ އާދިއްތަ ދުވަހު ދުވާފަރަށް ވަޑައިގެން، ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އަންނަ މަހުގެ 21 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ޖެހުނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އަދި އެ ދުވަސް ދިމާވަނީ އާދިއްތަ ދުވަހަކަށް ކަމަށާއި އެކަން އެމަނިކުފާނަށް އެނގިވަޑައިގަތީ ނޫސްތަކުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު