އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަނެއްކާވެސް ފަށަން އުޅޭ ކަމަށް މެލޭޝިޔާއިން ބުނެފިއެވެ.

މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތޮނީ ލޯކޭ އާދީއްތަ ދުވަހު ވަނީ މެލޭޝިޔަން އެއާލައިންސް ފްލައިޓު އެމްއެޗް 370 ގެއްލުނުތާ 10 އަހަރު ވެފައިވާއިރު އަލުން އެފްލައިޓު ހޯދަން ފަށާނެ ކަމަށް ވިދާޅުވެފައެވެ.

ދުނިޔެއިން މިހާތަނަށް ނުހޯދޭ ބޮޑެތި އަޖާއިބުތަކުގެ ތެރޭގައި ހިމެނިފައިވާ އެމްއެޗް 370 ގެއްލިފައިވަނީ މެލޭޝިޔާގެ ވެރިރަށް ކުއަލަމްޕޫރުން ޗައިނާގެ ބެއިޖިން އަށް 2014 ވަނަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު ކުރި ދަތުރުގައި މެލޭޝިޔާއިން ފުރިފަހުންނެވެ.

239 މީހުންނާއެކީ ފުރި އެމްއެޗް 370 ހޯދުމަށް ވޭތުވެދިޔަ 10 އަހަރު ކުރި މަސައްކަތުން އެ ފްލައިޓުގެ އެއްވެސް ހިލަމެއް ވެފައެއް ނުވެއެވެ.

މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ވަނީ އެމެރިކާގެ ކުންފުންޏަކާ ގުޅިގެން އެފްލައިޓް ހޯދުމަށް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.