އޭޝިއާ ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް ލިބިއްޖެއެވެ.
ދިރާގުން ބުނީ، އެ ކުންފުންޏަށް ލިބުނު އެ އެވޯޑަކީ ރާއްޖެފަދަ އެތައް ރަށަކަށް އާބާދީ ބެހިފައިވާ ޖަޒީރާ ގައުމަކަށް ހަލުވި ސްޕީޑުގައި މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ، މުވާސަލާތީ އަދި ޑިޖިޓަލް ވިއުގައި ތަރައްގީކުރުމަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ލިބުނު އެވޯޑެކެވެ.
"އޭޝިއަން ޓެލެކޮމް އެވޯޑްސް 2024ގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް. މި ކާމިޔާބީން ހާމަވެގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަލުވި ސްޕީޑުގައި އިންޓަނެޓް ފޯރުކޮށްދީ، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމަށް އަޅުގަނޑުމެން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް. އަދި މި ފުރުސަތުގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރައްވާ އިތުބާރު ފާހަގަކޮށް، އަޅުގަނޑުމެންގެ ނެޓްވޯކުގައި ތިއްބެވި ކަމަށްޓަކައި ހުރިހާ ކަސްޓަމަރުންނަށްވެސް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ.
ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 ޕަސެންޓް މޮބައިލް 4ޖީ ހިދުމަތް ފޯރުކޮށްދީފައެވެ. އަދި ވޭތުވެދިޔަ އަހަރުތެރޭގައި އެ ކުންފުނިން ވަނީ 94 ޕަސެންޓް ގޭބީސީއަށް ފައިބާ-ޓު-ދަ-ހޯމް އިންޓަންޓުގެ ހިދުމަތްވެސް ފުޅާކޮށްފައެވެ. މީގެ އިތުރުން ދިރާގުން މިހާރު ވަނީ 5ޖީގެ ހިދުމަތް އާބާދީގެ 50 ޕަސެންޓަށްވެސް ފޯރުކޮށްދީފައެވެ.
އޭޝިއަން ޓެލެކޮމް އެވޯޑްސް ދިރާގަށް ލިބުނު އިރު، މިފަހުން އެ ކުންފުންޏަށް ވަނީ އޫކްލާ ސްޕީޑްޓެސްޓް އެވޯޑްސްއިން 'ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް'ގެ އެވޯޑްވެސް ލިބިފައެވެ. މިއީ ދިރާގަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރެވެ.
ޚަބަރު
ޚަބަރު