ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ދެން ވަޑައިގަންނަވާނީ ކޮންބޭފުޅެއް ބާވައެވެ. މިއީ ހުސްވި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބޭއްވުނު މައްސަލަ ބޮޑު އާއްމު އިންތިޚާބަށްފަހު އެންމެންގެ ހިތުގައިވެސް އުފެދިފައިވާ ބޮޑު ސުވާލެވެ. ޕާކިސްތާނުގެ ޕާލަމަންޓުގައި ތިއްބަވަނީ ޖުމްލަ 336 މެންބަރުންނެވެ. އޭގެތެރެއިން 266 މެންބަރުންނަކީ އާއްމު އިންތިޚާބުގައި ރައްޔިތުން ހޮވާ މެންބަރުންނެވެ. އަނެއް 70 މެންބަރުންނަކީ އައްޔަންކުރެވޭ މެންބަރުންނެވެ. މީގެތެރެއިން 60 މެންބަރުން އައްޔަންކުރެވޭނީ އަންހެނުންގެ ތެރެއިންނެވެ. އަނެއް ދިހަ މެންބަރުން އައްޔަން ކުރެވޭނީ މައިނޯރިޓީ ދީންތަކަށް ތަބާވާ މީހުންގެ ތެރެއިންނެވެ. ކޮންމެ ބަޔަކު ސަރުކާރެއް އެކުލަވައިލިޔަސް އެބަޔަކަށް ޕާލަމެންޓުގައި މަދުވެގެން 169 ގޮނޑީގެ ކޮންޓްރޯލް އޮންނަން ޖެހެއެވެ. އެންމެފަހުގެ އިންތިޚާބުގައި އެ އަދަދަށް އެއްވެސް ބަޔަކަށް ގޮނޑިއެއް ނުހޯދުނެވެ.

އެންމެފަހުގެ އިންތިޚާބަކީ އިލެކްޝަންސް ކޮމިޝަނާއި ވަގުތީ ސަރުކާރާއި ސިފައިން ގުޅިގެން ގަޑުބަޑުކޮށް ނަތީޖާ އޮޅުވާލާފައިވާ އިންތިޚާބެއްކަމަށް ބުނެވެއެވެ. ކޮންމެއަކަސް ރަސްމީ ނަތީޖާއިން ފެންނަގޮތުގައި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ ސަޕޯޓަރުންނަށް ކާމިޔާބު ކުރެވުނީ 93 ގޮނޑިއެވެ. މިއީ ހައްތާވެސް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރެެއްވި ބޭފުޅުންނެވެ. މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރެެއްވީ އިމްރާން ޚާނުގެ ތަހުރީކޭ އިންސާފު ޕާޓީ ސަސްޕެންޑުކޮށް އެ ޕާޓީގެ ނިޝާންވެސް މަނާކޮށްފައި އޮތުމުންނެވެ. ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ ނަވާޒް ޝަރީފުގެ މުސްލިމް ލީގް ޕާޓީއަށް ހޯދުނީ 75 ގޮނޑިއެވެ. ބިލާވަލް ބުއްޓޫގެ ޕީޕަލްސް ޕާޓީއަށް ނެގުނީ 54 ގޮނޑިއެވެ. އެހެންވީމާ އައު ސަރުކާރެއް އެކުލަވައިލެވެންއޮތީ ކުރިން ދެންނެވިހެން 169 ގޮނޑި ހަމަކުރެވޭވަރުގެ ކޯލިޝަނެއް ހަދައިގެންނެވެ. މުސްލިމް ލީގާއި ޕީޕަލްސް ޕާޓީ އެއޮތީ ކުދިކުދި އެހެން ހަތަރު ޕާޓީއަކާ ގުޅިގެން މިޒާތުގެ ކޯލިޝަނެއް ހަދައިގެންނެވެ.

ޕާކިސްތާނުގެ ގާނޫނުއަސާސީ ބުނާގޮތުން މިނިވަން މެންބަރުންނަށް ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތެެއް ނެތެވެ. އެކަން ކުރެވޭނީ ސިޔާސީ ޕާޓީއަކާ ގުޅިގެންނެވެ. މިކަން މިހެންއޮތީމާ އިމްރާން ޚާނުގެ ސަޕޯޓަރުން ވަނީ ސުންނީ އިއްތިހާދު ކައުންސިލް ނަމަކަށް ކިޔުނު ކުޑަވަރެއްގެ ޕާޓީއެއްގެ ކުޑައިގެ ދަށަށްވަދެ ކޯލިޝަނެއް ހަދައިފައެވެ. މި ކޯލިޝަނުންވެސް ބުނަނީ އެމީހުންނަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު އެބައޮތްކަމުގައެވެ. ކޮންމެއަކަސް އައު ސަރުކާރު އެކުލަވައިލުމަށް ފޫގަޅައިގެން މިވަގުތު އެތިބީ މިދެންނެވި ދެ ކޯލިޝަނުންނެވެ. މުސްލިމް ލީގާއި ޕީޕަލްސް ޕާޓީ އިސްވެގެން އުފައްދާފައިވާ ކޯލިޝަނުން ބޮޑުވަޒީރުކަމަށް ނޮމިނޭޓްކޮށްފައިވާ ބޭފުޅަކީ ނަވާޒް ޝަރީފުގެ ކޮއްކޯފުޅު ޝަހުބާޒު ޝަރީފެވެ. އެސްއައިސީގެ ކުޑައިގެ ދަށުގައި އެއްގަލަކަށް އަރައިގެން ތިބި އިމްރާން ޚާނުގެ ސަޕޯޓަރުންގެ ފަރާތުން ބޮޑުވަޒީރުކަމަށް ނޮމިނޭޓްކޮށްފައިވާ ބޭފުޅަކީ އުމަރު އައްޔޫބު ޚާނެވެ. ޝަރީފުގެ ފަރާތުން ޝަރީފެކެވެ. ޚާންގެ ފަރާތުން ޚާނެކެވެ.

ދެ ކޯލިޝަނެއް އޮތަސް މީގެތެރެއިން އުމަރު އައްޔޫބު ޚާންގެ ކޯލިޝަނަށް ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު އަސްކަރިއްޔާއިން ދޭނެކަމަށް ގަބޫލެއް ނުކުރެވެއެވެ. ފުރުސަތެއް އޮތަސް އެއީ ވަރަށް ހަނި ފުރުސަތެކެވެ. އުމަރު އައްޔޫބު ޚާންގެ އާއިލާއަކީ ޕާކިސްތާނުގައި ވަރަށް މަޝްހޫރު ސިޔާސީ އާއިލާއެކެވެ. އަދި އަސްކަރީ އާއިލާއެއްވެސްމެއެވެ. އޭނާގެ ކާފަ ޖެނެރަލް އައްޔޫބު ޚާނަކީ ޕާކިސްތާނުގެ ތާރީޚުގައި ފުރަތަމަ އަސްކަރީ ޚުދުމުޚުތާރު ވެރިޔާއެވެ. އަސްކަރީ އިންގިލާބެއްގައި ވެރިކަން ހޯއްދަވައި 1958 ވަނަ އަހަރުން 1969 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ދަގަނޑު ގޮށްމުށަކުން ޕާކިސްތާނުގެ ވެރިކަން ކުރައްވައިފައެވެ. އުމަރު އައްޔޫބު ޚާންގެ ބައްޕަ ޖައުހަރު އައްޔޫބު ޚާނަކީވެސް ސިފައިންގެ ކުރީގެ ޖެނެރަލެކެވެ. އަސްކަރިއްޔާއިން ރިޓަޔަރ ކުރެެއްވުމަށްފަހު ނަވާޒް ޝަރީފުގެ މުސްލިމް ލީގު ޕާޓީއާ ގުޅިވަޑައިގެން ޕާކިސްތާނުގެ ޕާލަމަންޓުގެ ސްޕީކަރުކަންވެސް 1990 ގެ އަހަރުތަކުގެ ކުރީކޮޅު އޭނާ ވަނީ ކުރައްވައިފައެވެ.

އުމަރު އައްޔޫބު ޚާން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ މުސްލިމް ލީގު ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އެ ޕާޓީ ދޫކުރައްވައި އިމްރާން ޚާންގެ ތަހުރީކޭ އިންސާފު ޕާޓީއާ ގުޅިވަޑައިގަތީ 2018 ވަނަ އަހަރުއެވެ. އިމްރާން ޚާނުގެ ބޮޑުވަޒީރުކަމުގެ ދައުރުގައި އޭނާއަކީ އިގްތިސާދާބެހޭ ވަޒީރެވެ. އިމްރާން ޚާނުގެ ވެރިކަން ވެއްޓުމާއެކު އެ ޕާޓީގެ ލީޑަރުންގެ ތެރެއިން ގިނަ ބޭފުޅުން ކޮޅުބަދަލުކުރެއްވުމާއި ގައުމުދޫކޮށް ފިއްލެވުންފަދަ ކަންތައް ކުރެއްވިއިރު އުމަރު އައްޔޫބު ޚާން ހުންނެވީ ސާބިތުކަންމަތީ ގައުމުގައެވެ. އޭނާ ހައްޔަރުވެސް ކުރިއެވެ. ޖަލަށްލައި އަނިޔާވެސް ކުރިއެވެ. އެކަމަކު އިމްރާން ޚާނަށް ހަރާންކޯރުވާން އެއްބަސްވެވަޑައި ނުގެންނެވިއެވެ. އެންމެފަހުން އެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީކަމަށް އައްޔަން ކުރެވުނީވެސް އޭނާއެވެ. ބޮޑުވަޒީރުގެ މަގާމަށް އުމަރު އައްޔޫބު ޚާން ނޮމިނޭޓްކުރުމުގެ ސިއްރަކީވެސް އިމްރާން ޚާނަށް އޭނާގެ އިޚުލާސްތެރިކަން ބޮޑުކަމާއި ނުވިކޭނެކަން ކަށަވަރުވުމެވެ. އޭނާއާ ދޭތެރޭ ޔަގީންކަން އޮތުމެވެ.

ކުރިންވެސް ދެންނެވިފަދައިން ޝަހުބާޒު ޝަރީފަކީ ނަވާޒް ޝަރީފުގެ ކޮއްކޯފުޅެވެ. އިމްރާން ޚާނުގެ ވެރިކަން ވައްޓައިލުމުގެ މޭސްތިރިއަކީ ޝަހުބާޒެވެ. އިމްރާނަށްފަހު ދެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީވެސް ޝަހުބާޒެވެ. އޭނާއަށް އަސްކަރިއްޔާގެ ތާއީދު އެބައޮތެވެ. އެހެންވީމާ އައު ސަރުކާރެއް އެކުލަވައިލައްވާނީ ބޮޑަށް ގަބޫލުކުރެވޭ ގޮތުން ޝަހުބާޒެވެ. އެކަމަކު ގައުމު ހަމަޔަކަށް އަޅުވައި އިގްތިސާދީ އަދި ސިޔާސީގޮތުން ގައުމު ނަގައި ކޮޅަށްޖެހުމަށް ވަރަށް ގިނަކަންކަން ކުރާންޖެހެއެވެ. އޭގެތެރޭގައި އިމްރާން ޚާނުގެ ސަޕޯޓަރުންނާ މަޝްވަރާކޮށް އެމީހުންގެ އެއްބާރުލުންވެސް ހޯދާން ޖެހެއެވެ. އެކަންކުރެވޭނީ އިމްރާން ޚާނު ޖަލުން ދޫކޮށް މިނިވަންކޮށްގެންނެވެ. އެހެންނޫނީ ޕާކިސްތާނަށް ހަމަޖެހުމެއް ނުގެނެވޭނެއެވެ. މިކަމަކީ އަސްކަރިއްޔާއިން ރުހޭނެކަމެއްތޯ ސުވާލު އުފެދެއެވެ. އަސްކަރިއްޔާއިން ނުރުހެންޏާ ޝަހުބާޒަށްވެސް ޖެހޭނީ މަގާމު ދޫކޮށްލައްވާށެވެ. މިއީ ޕާކިސްތާނުގައި އަބަދުވެސް ކަންކަން ހިނގަމުން އަންނަ ގޮތެވެ.