އިންސާނީ އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ތަކަކަށް އިޒްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ތަކަކަށް އިޒްރޭލުން ހަމަލާދީފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އެ ހަމަލާގައި މަރުވި މީހުންގެ އަދަދު ކަށަވަރެއް ނޫނެވެ. އެކަމަކު މަދުވެގެން 100 މީހުން މަރުވެފައިވާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ދިން އެ ހަމަލާގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށެވެ. އަދި އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިޒްރޭލުގެ ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު އަދި އިންސާނީ ހައްގުތަކުގެ މިންގަނޑާ މުޅިން ހިލާފު ހަމަލާއެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ގޮވާލާ ގޮވުން ތަކުރާރުކޮށް ފޮރިން މިނިސްޓްރީން ވަނީ އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދުނިޔެއަށް ގޮވާލައިފައެވެ.

ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.