ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ އެއާ އެމްބިއުލާސްގެ ހިދުމަތް ފަށާފައިވަނީ ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު އަވަސް ފަރުވާއަށް ހާއްސަ ކޮށްގެން ތަމްރީނު ކޮށްފައިވާ 15 މީހުންނާ އެކު ކަމަށެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެމެޖެންސީ މެޑިކަލް ޓެކްނިޝަނުން ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
"އެއާ އެމްބިއުލާންސް ހިދުމަތްތަކުގެ ދަށުން މިއަދުން ފެށިގެން ހިދުމަތް ދިނުމަށް ނިންމާފައިވާއިރު މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ހަރުދަނާ އަދި ދެމެހެއްޓެނެވި ގޮތެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުމެވެ" ހެލްތު މިނިސްޓްރީން ބުންޏެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސް ނިޒާމުގެ ތެރޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ހިމަނައި، ޕްރީ ހޮސްޕިޓަލް ކެއާ ކޯޑިނޭޓް ކުރުމުގެ އިންތިޒާމު ދެމެހެއްޓެނެވި ގޮތެއްގައި ގާއިމް ކުރެވިގެންދާނެ ކަމަށެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ ހެލްތު މިނިސްޓްރީއާއި އައިލެންޑް އެވިއޭޝަން ސާވިސަސް އަދި އެންސްޕާ ގުޅިގެންނެވެ.
އެއާ އެމްބިއުލާސްގެ ހިދުމަތް ދިނުމަށް ބޭނުންކުރާ "ޑީއެޗްސީ -8-200" މަރުކާގެ މަތިންދާބޯޓުތައް ރާއްޖެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު