(20 ފެބުރުއަރީގެ އަދަދާ ގުޅޭ)

ޔަހޫދީންގެ ފަސްވަނަ ކޮލަމުގެ މީހުން، އެބައިމީހުންގެ ނުލަފާ ވާހަކަ އިތުރަށް ކުރިޔަށް ގެންދިޔައެވެ. "މިއީ ދެން ކާކުހެއްޔެވެ؟ އަހަރެމެންގެ ނިސްބަތުގައި ވަރަށް އާދައިގެ ހައިސިއްޔަތެއްގެ މީހެކެވެ. އެއްވެސްމީހެއް ނޫނެވެ. އަހަރެމެން މިއަންނަނީ ހިތަށް އައިހައި އެއްޗެއް އޭނާއާ ދިމާޔަށް ގޮވައިފައެވެ. އޭނާ އަހަރެމެން ދައްކާ ހުރިހައި ވާހަކަތަކެއް ވަގުތުން ޤަބޫލުކޮށްލައެވެ. ޤާފިލާގެ އެ އިސްވާރުގެ ބަލިކަށިކަމުގެ ސަބަބުން ބޮނޑިބޯންޖެހެނީ އަހަރެމެންނެވެ. އަހަރެމެން ހަދައިފައިވަނީ މުނާފިޤުން ކަމުގައްޔާއި ނުބައި ރޭވުން ރާވާ މީހުން ކަމުގައެވެ. އޭނާގެ ޚާއްޞަ އަރިސް މީހުންނަކީ އިއްޔެއާ ހަމަޔަށްވެސް މީހުންގެ އަޅުންނެވެ. ބަނޑަށްޖެހިފައިތިބި ނޯކަރުންނެވެ." (نــعــــوذ بـــاللّــــه)

ފަސްވަނަ ކޮލަމުގެ މުނާފިޤުން އެދުވަސްވަރު ކުޅޭންފެށި އަނެއް ޑްރާމާއަކީ، އިސްލާމީ ތަޙްރީކުގެ ޤާއިދުގެ އަރިހުން އެކަހެރީން ފައިންޕުޅުދުށުމުގެ މީއާދު (އެޕޮއިންޓްމަންޓް) ހޯދުމެވެ. ބޭނުމަކީ، އިސްލާމީ ތަޙްރީކުގެ އިސްވާރުންގެ ހިތްޕުޅުތައް ކުޑައިކުރުވުމެވެ. ތިމާމެންނަކީ މާ މުހިންމު ބައެއްކަމުގައި ހީކުރުވުމެވެ.

މިސްކިތުގައި ބާއްވަވާ ޢާންމު ބައްދަލުކުރެއްވުންތައް ހިނގަމުންދަނިކޮށް، ފަސްވަނަ ކޮލަމުގެ ކޮންމެވެސް ބޭކަލެއް ތެދުވަންނަވައި، ޖަލްސާގެ ވާހަކަތައް މެދުކަނޑުއްވައިފައި ބުނުއްވައެވެ. "އަޅުގަނޑު އެކަހެރީން ޚާއްޞަ ވާހަކައެއް ދަންނަވައިލާން ބޭނުމެވެ." ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ މުރުއްވަތްތެރިފުޅުކަމުން އެންމެންނަށްވެސްވާނީ އެ ފުރުޞަތު ހުޅުއްވައިލައްވައިފައެވެ. އެކަމުގައި އެއްވެސްއިރަކު ހިފެހެއްޓެވުމެއް ނުގެންގުޅުއްވައެވެ. ޔަހޫދީ އެޖެންޓުންގެ "ޚާއްޞަ ވާހަކަ" ދެންނެވުމުގެ ޑްރާމާއަކީވެސް އެކަމުގައި ހެޔޮނިޔަތެއް އޮންނަކަމެއް ނޫނެވެ. މުނާފިޤުންގެ ބޭނުމަކީ، ކުރިންވެސް ދެންނެވި ފަދައިން، މުސްލިމުންގެ ޖަމާޢަތުގެ ތެރޭގައި އެމީހުންނަކީވެސް ޚާއްޞަ ބަޔަކުކަމުގައި ފާޅުކުރުމެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ، ދެއްކުންތެރި މަސްނޫޢީގޮތަކަށް އަރިސްވާން މަސައްކަތްކުރުމެވެ. މުސްލިމުންގެ އިޚްލާޞްތެރި ފުރަދާނައިންގެ ހިތްޕުޅުތަކުގައި ކުށްހީފުޅުތަކެއް އުފެއްދޭތޯ ބެލުމެވެ. ތިމާމެންގެ ނުބައި ޢަމަލުތަކުގެ ސަބަބުން، ކިލާވެފައިވާ ފަސްބައި ދޮވެވޭތޯ ބެލުމެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މުނާފިޤުންގެ ޚަޞީލަތްތައް ދެނެވަޑައިގެން ހުންނެވުމާއެކުވެސް، އެބައިމީހުންނަށް ތަނަވަސް ފުރުޞަތުތަކެއް ދެއްވަމުން ގެންދެވިއެވެ. މި އުނދަގޫ ޙާލަތު އެންމެފަހުން ނިމުމަކަށް ގެންނެވީ، ޙަޤީޤީ ރަސްވަންތަ ޒާތުފުޅުންނެވެ. އަންނަނިވި އަމުރުފުޅު ބާވައިލެއްވުމުގެ ޒަރީޢާއިންނެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ރަސޫލާއަށް މުނާޖާއެއް ދަންނަވާނަމަ (ޚާއްޞަގޮތުން ވަގުތު ހޯދައިގެން ވާހަކައެއް ދަންނަވާނަމަ) ފަހެ، ތިޔަބައިމީހުން އެ މުނާޖާއެއް (އެވާހަކައެއް) ދެންނެވުމުގެކުރީން (ކޮންމެފަހަރަކުވެސް) ފަޤީރުންނަށް ޞަދަޤާތެއް ދޭހުށިކަމެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ޠާހިރުކަން ބޮޑެވެ." (ألمجــادلــة: 12)

މި މަތިވެރި އަމުރުފުޅު އައުމާއެކު، ލަގޮނޑީގައި ނާށިލައިފައިތިބި ބަޚީލު ޔަހޫދީންނާއި ފަސްވަނަ ކޮލަމުގެ މީހުންގެ އުނަގަނޑުވަނީ ބިނދިފައެވެ. އެބައިމީހުންގެ "އެކަހެރީން ވާހަކަ ދެންނެވުމުގެ" ސިލްސިލާ ވަނީ ހުއްޓިފައެވެ. އެހައިތަނަށް އެބައިމީހުން ހީކޮށްގެންތިބީ، އިސްލާމީ ތަޙްރީކުގެ ޤާއިދަކީ، މީހަކު ދަންނަވާ ކޮންމެ ވާހަކައެއް ޤަބޫލުކުރައްވާ ބޭކަލެއް ކަމުގައްޔާއި، އެބައިމީހުންގެ ވާހަކަތަކުގެ އޮއިވަރުގައި ޖައްސައި، އޮޔާގެންދެވިދާނެ ބޭކަލަކު ކަމުގައެވެ. ތަޙްރީކުގެ އިޚްލާޞްތެރި މެންބަރުންނާމެދު އެމާތް ސާހިބާގެ ހިތްޕުޅު ނުބައިކުރުވައި، ދުރުހިލޭކަން އުފައްދައިލެވިދާނެ ކަމުގައެވެ. ނަމަވެސް ތަޙްރީކުގެ އިޚްލާޞްތެރި މެންބަރުންގެ ވާހަކަފުޅުތަކަށް ދެއްވާފަދަ ތޫނު ކަންފަތްޕުޅެއް، އެއްވެސްއިރަކު ޔަހޫދީންނާއި ފަސްވަނަ ކޮލަމުގެ މީހުންގެ ވާހަކަތަކަކަށެއް، އެ ޤާއިދު ނުދެއްވައެވެ. އެކަމަކުވެސް، އިސްލާމީ ތަޙްރީކުގެ ތެރެޔަށް ފޭދިގެންތިބެ، އެ ތަޙްރީކުގެ ޤާއިދާ ބެހޭގޮތުން އިހާނެތި ވާހަކަތައް ފަތުރަމުން ދުވާމީހުންނާ، އިޚްލާޞްތެރީންނާ އެއްވަރެއް ނުވާނެކަމެއް ފިތުނަވެރީންނަކަށް ރޭކައެއްނުލައެވެ. ފިތުނަވެރީންނަކީ އެއްވެސް ތަޙްރީކެއްގައި އެތަޙްރީކުގެ ހަމަ ހިފަހައްޓާ މީހުންނާއި ހިތުގެއަޑީން އެ ތަޙްރީކުދެކެ ލޯބިވާ ޙަރަކާތްތެރި މެންބަރުންނާ އެއްވަރުވާނެ ބަޔެއް ނޫނެވެ. ދީނީ އަދި އަޚްލާޤީ ތަޙްރީކެއްގައި، އެ ތަޙްރީކުގެ ޤާއިދާއި އިސްވާރުންނާ ބެހޭގޮތުން އަގުވައްޓައިލުމުގެ ޠޫފާންތައް އުފައްދައި، އެ ތަޙްރީކާ ޚިލާފަށް ނަޖުވާކުރާ މީހުންނަކީ، އެ ތަޙްރީކެއްގެ ކުރުންތެރިކަމާއި ޤާބިލިއްޔަތު ނައްތައިލާން މަސައްކަތްކުރާ މީހުންނެވެ.

އިސްލާމީ ތަޙްރީކު ހުސްއެކަނި ދަޢުވަތުދިނުމުގެ މަރްޙަލާ ކަޑައްތުކޮށް ޖިހާދުގެ އިންޤިލާބީ ދައުރަށް ވަނުމާއެކު، ފަސްވަނަ ކޮލަމުގެ މުނާފިޤުންގެ ވަރަށް ގިނަބަޔަކު މޫނުފޮރުވައިގެންތިބި ނިޤާބުވަނީ ނެގިފައެވެ. އެބައިމީހުންގެ ހުތުރު މޫނުވަނީ ފާޅުވެފައެވެ. ތަޙްރީކުތަކުގެ މިފަދަ މަރްޙަލާތަކަކީ އެތައްބަޔަކު ބޯއަނބުރައިގަންނަ މަރްޙަލާތަކެކެވެ. އެފަދަ ވަގުތުތަކުގައި ވަކިއަތަކަށް އަރިއަޅައިނުލައި ވަޒަން ހިފަހައްޓައިގެން ސާބިތުކަމާއެކު ދެމިތިބެވޭނީ ތިމާމެން މިދާތަނަކާއި ކުރާންއުޅޭކަމެއް ރަނގަޅަށް މޭރުންވެފައިވާ މެންބަރުންނަށެވެ. ކުރިޔަށްހުރި މަންޒިލުތައް ފާހަގަކުރެވިފައިވާ މެންބަރުންނަށެވެ. ދުނިޔޭގައި ހިންގައިފައިވާ ކޮންމެ ތަޙްރީކެއްގައިވެސް ބޮޑެތި އިންޤިލާބީ ގޯޅިގޯޅިއަށް އަނބުރައިލާއިރު ދުރަށް ފުންމައިގަނެ ދާންވީ މަރްޙަލާއަށް ވާސިލުވަނީ މިދެންނެވިފަދަ މީހުންނެވެ. ތަޙްރީކުގެ މަޤްޞަދު ރަނގަޅަށް ފަހުމުނުވާ މީހުންދާނީ ބޭކާރުވެގެންނެވެ. އޮޅީން ބޭރުވެގެންނެވެ. އިސްލާމީ ތަޙްރީކުގައިވެސް ފެނިފައިވަނީ މި ޙަޤީޤަތެވެ.

އިސްލާމީ ތަޙްރީކު ދަޢުވަތުގެ މަރްޙަލާއިން ޖިހާދުގެ މަރްޙަލާއަށް ދީލަތިލެވުނުއިރު ބައެއްމީހުންނަށްވަނީ އެބައިމީހުންގެ ފިކުރު ވަޒަނުން ކަސިޔާރުވެވިފައެވެ. ފެށުނީއްސުރެ ނިފާޤުގެ ބަލިޖެހިފައިތިބި މީހުންނަކަށް "ޖިހާދުގެ ބުރަ" އުފުލާކަށެއް ތައްޔާރެއް ނުވެވުނެވެ. އެބައިމީހުންގެ ވިސްނުމާއި ފިކުރު، މި މަރްޙަލާއަކަށް ތައްޔާރެއް ނުކުރެވުނެވެ. އިސްލާމީ ތަޙްރީކު ފެށިގެން އައިއިރު އިރްޝާދު ދެއްވައިފައިވަނީ "كُـــفُّــــوْا اَيْــدِيَــكــُــمْ" މިފަދައިންނެވެ. އާދޭހެވެ! ދަޢުވަތު ދިނުމުގައި ކުރިމަތިލާންޖެހޭ އަނިޔާތަކާއި އިހާނެތިކަމާއި އަވާނިވާ ކެތްތެރިކަމާއި ހަނުހިމޭންކަމާއެކު ބަރުދާސްތުކުރަމުން ގެންދިޔުމަށެވެ. ޖަހަންނަމަ އަތްމަޅައި ނުގަތުމަށެވެ. ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުންފަދަ ކަންކަމުގައި ކެތްތެރިކަމާއެކު ޤާއިމުވެ ތިބުމަށެވެ. އެދުވަސްވަރު ފަސްވަނަ ކޮލަމްގެ މީހުންނަށް އެ އަމުރުފުޅުވެސްވީ ބުރަޔަކަށެވެ. އިހާނެތިކަން ބަރުދާސްތުކުރާން ޖެހުމެއްކަމުގައެވެ. އެކަމަކު ޖިހާދުގެ ޙުކުމް ބާވައިލެއްވުމާއެކު މާތް اللّــــه ގެ ރަސްކަންފުޅަށްވުރެ ބޮޑަށް މުނާފިޤުން ބިރުވެތިވީ މީސްތަކުން ދެކެއެވެ. ޙަޤީޤަތުގައި ޔަހޫދީންނަކީ އަޒަލުއްސުރެ ހަނގުރާމަދެކެ ބިރުގަންނަ ބަޔެކެވެ. މުނާފިޤުންނަށް އެބަލި ވާރުތަވީ ޔަހޫދީންގެ ކިބައިންނެވެ. މުނާފިޤުން ދަންނަވާންފެށީ "رَبَّــنَـــا لِـــمَ كَــتَــبْـتَ عَــلَــيْــنَـــا الْــقِــتَــالَ" (އަޅަމެންގެ ވެރި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އަޅަމެންގެ މައްޗަށް ހަނގުރާމަކުރުން ފަރްޟުކުރެއްވީ ކީއްވެގެންތޯއެވެ؟) "އަޅަމެން މިގެންދަނީ ދަޢުވަތުގެ މަސައްކަތް ބަރާބަރަށް ހިންގަމުންނެވެ. ނަމާދުކޮށް ޒަކާތްދިނުމުގެ ޒަރީޢާއިން އަޅަމެންގެ ސީރަތު އިޞްލާޙުކުރާން މަސައްކަތް ކުރަމުންނެވެ. ބިނާކުރުމުގެ ޙަރަކާތްތައް ހިންގަމުންނެވެ. އެއް މަރްޙަލާއެއްގެ މަސައްކަތް ފުރިހަމަ ނުކުރެވެނީސް، ވަގުތު އައުމުގެކުރީން އައު ޒިންމާތަކެއް އަޅަމެންނާ ޙަވާލުކުރެއްވީ ކީއްވެގެންތޯއެވެ؟"

އެކަމަކު ފަސްވަނަ ކޮލަމުގެ މީހުންނަށް މާތް اللّــــه ގެ ރަސްކަންފުޅާ ބަޙުސުކުރެވޭނީ ކޮންފަދައެއްތޯއެވެ؟ އެކަލާނގެ އަމުރުފުޅުގެ ކުރިމަތީގައި ބާޑީ ޖެހޭނީ ކޮންގޮތަކަށްތޯއެވެ؟ އެވެރީންގެ ކުރިމަތީގައި ފެންނާން ހުންނެވީ މާތް اللّــــه ގެ ރަސޫލާގެ ޒާތުފުޅެވެ. އެހެންކަމުން އެއުރެން ހުރިހައި ހަސްކާއެއް ބޭލީ އެމާތް ސާހިބާއަށެވެ.

ތަޙްރީކުތައް ހަނގުރާމައިގެ މަރްޙަލާއާ ކުރިމަތިލުމުން ތަޙްރީކުގެ މެންބަރުން އިދިކޮޅު ބާރުތަކުގައި އެތިއެތިފަހަރު ޖަހާފަދައިން، އެ މެންބަރުންގެ ގަޔަށްވެސް އެތިއެތިފަހަރު އަރައެވެ. ތަޙްރީކުގެ މެންބަރުންގެ ތަދްބީރުތައް އަމާޒުފަތްގަނޑަށް ވާސިލުވާ ފަދައިން، ވަރަށްގިނަފަހަރަށް ކަސިޔާރުވެސްވެއެވެ. އުންމީދުތައް ހާސިލުކުރެވޭ ފަދައިން، ނާކާމިޔާބީއާ ކުރިމަތިލާންވެސް ޖެހެއެވެ. ހަނގުރާމައިގެ އެއްވެސް މައިދާނަކީ، ހުސްއެކަނި އެއްފަރާތެއް ބަލިވާންޖެހޭ މައިދާނެއް ނޫނެވެ. ހުރިހައި ފައިދާތަކަކާއި ނަޞްރެއް، ހުސްއެކަނި އެއްފަރާތަކަށް ޚާއްޞަވެފައިވާ މައިދާނެއް ނޫނެވެ. ފަތަޙަލިބޭ ފަރާތަށްވެސް ބައެއްފަހަރު ފަތަޙައިގެ އަގެއްގެގޮތުން، ވަރަށްގިނަ ފުރާނަތަކެއް ޤުރްބާންކުރާންވެސް ޖެހިފައިވެއެވެ. ވަރަށްގިނަ ޒަޚަމްތަކެއްގެ ކެކުޅުން ބަރުދާސްތުކުރާންވެސް ޖެހިދެއެވެ. ހަތިޔާރާއި ފޯރުމާލު އަނދައި އަޅިޔަށްވާ ފަހަރުފަހަރުވެސް އާދެއެވެ. ނަމަވެސް މަދީނާގެ އިސްލާމީ ތަޙްރީކާއެކު މަސައްކަތްކުރި ފަސްވަނަ ކޮލަމުގެ މީހުންނަކަށް، اِنَّ مَـــعَ الْــعُسْـــرِ يُـسْـــــرًا ގެ ރައްބާނީ ފަލްސަފާއާމެދު ހުސް ސިކުނޑިޔަކުން ވިސްނައެއް ނުލެވެއެވެ. ލިބޭ ކޮންމެ ކެކުޅުމަކާއި ޒަޚަމަކާއި ގެއްލުމަކާ ވިދިގެން ހަޅޭއްލަވާން ފަށައިގަންނަނީ، އެކަމަކީ ތަޙްރީކުގެ ޤާއިދުންނަށް ދުރުވިސްނިވަޑައިނުގެންނެވުމުގެ ނަތީޖާކަމުގައެވެ. ނުވަތަ ފަރުވާކުޑަކޮށްލެއްވެވުމުގެ ނަތީޖާކަމުގައެވެ. ކީރިތި ޤުރްއާނުގައިވަނީ، ފަސްވަނަ ކޮލަމުގެ މުނާފިޤުންގެ މި ޙަޤީޤަތާ ޚިލާފު އަޑުއެރުވުމުގެ ވާހަކަ ބަޔާންކުރައްވައިފައެވެ.

"އެއުރެންނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ މިއީ، اللّــــه ގެ ޙަޟުރަތުންއައި ކަމެކޭ އެއުރެން ބުނެތެވެ. އަދި، އެއުރެންނަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ކަލޭގެފާނުގެ ފަރާތްޕުޅުން އައިކަމެކޭ އެއުރެން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެކަމަކީވެސް، اللّــــه ގެ ޙަޟުރަތުން އަންނަ ކަމެކެވެ." (ســورة الـنّسـاء: 78)

(ނުނިމޭ)