މާލޭ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރެއަށް، އުތުރުތިލަފަޅު، ގުޅިފަޅު، ހުޅުމާލެ ތިނެއް އަދި ގިރާވަރު، ހިމަނައިދެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، އަރިހުން އެދިވަޑައިގަންނަވާ ކަމަށް މާލޭގެ މޭޔަޒު އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.
ސިޓީ ކައުންސިލުން، ސަލްޓަން ޕާކުގައި ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުން ބޭނުންވަނީ އެ ތިން ތަނަކީ މާލޭ ސިޓީގެ ކައުންސިލްގެ އިހުތިސޯސް ތެރޭގައި ހިމެނޭ ތަންތަނަށްވުމަށް ކަމަށެވެ.
"މާލޭގެ އިހުތިސާސް ތެރެއަށް ހުޅުމާލެ ފޭސް ތިނެއް، ގުޅިފަޅު، އުތުރުތިލަފަޅު، އަދި ގިރާވަރުފަޅު ވައްދައިދިނުމަކީ އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް، މިއީ މާލޭގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު ގެންނަ މެސެޖެއް، އަޅުގަނޑުގެ ހުރިހާ ކެމްޕޭނެއްގައި އެންމެން އެދިވަޑައިގަތް މާލޭގެ އިހުތިސާސް ތެރެއަށް ވައްދައިދޭން، އެހެންކަމުން ރައީސްގެ އަރިހުން އެދެން ކައުންސިލްގެ އިހުތިސާސްގެ ތެރެއަށް މިތަންތަން ވައްދައިދޭން" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެއީ އޭނާގެ އަމިއްލަ ނުވަތަ ކައުންސިލްގެ އެދިވަޑައިގަތުމެއް ނޫން ކަމަށެވެ. ރައީސް މުއިއްޒު އަދި ލޯކަލް ގަވަނެންސް މިނިސްޓްރީގެ ފަރާތުން، ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް އެއްބާރު ލިބިގެންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ފައިދާކުރާނެ ކޮންމެ ކަމެއްގައި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. ރައީސް މުއިއްޒު، މޭޔަރުގެ މަގާމުގައި ހުންނެވިއިރު ވަނީ ރައްޔިތުންނަށް ފައިދާހުރި ގިނަ ކަންތައްތަކެއް ކޮށްދެއްވާފައި ކަމަށާއި އެ މަނިކުފާނު މޭޔަރުގެ މަގާމުގައި ހުންނަވައި ފަށްޓަވައިދެއްވި އެހެން ކަންކަން، ކުރިއަށް ގެންގޮސްދެއްވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ސިޓީ ކައުންސިލުން ވަރަށް އަވަހަށް ޕްރޮގްރާމެއް ފަށާނެ ކަމަށެވެ. އަދި މާލޭގެ މަސް މާރުކޭޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މާލޭގެ މަގުތަކަކީ ޓްރެފިކް ތޮއްޖެހުން ކުޑަތަނަކަށް ވަރަށް އަވަހަށް ހައްދަވައިދެއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު