ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން މަޖިލީހުން ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ރައީސް ބިލު ތަސްދީގުކުރެއްވީ އެ މަނިކުފާނު ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު އަދި ނ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެން، ބަންޑާރަ ނައިބުގެ ލަފާގެ މަތިންނެވެ.

އެ މަނިކުފާނު މިއަދު ނ. ކެނދިކުޅުދުއަށް އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހަކަށް އިލެކްޝަންސް ކޮމިޝަނުން އެ މަނިކުފާނުގެ ނުރަސްމީ ލަފަޔަކަށް އެދުނު ކަމަށެވެ. އަދި ގާނޫނުއަސާސީއާއި ގާނޫނާ ހިލާފުނުވާ ނަމަ ރޯދައިގެ ކުރިން އިންތިހާބު ބާއްވައިދިނުމަށް އެ ކޮމިޝަނަށް ލަފާ ދެއްވެވި ކަމަށާއި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގައި އެދުމުން، އެމްޑީޕީގެ އަޑި ނޭނގޭ ކޮންމެވެސް ސަބަބަކާ ހުރެ ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެއްބަސްނުވީ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވީ މަޖިލިސް އިންތިހާބު ރޯދައިގެ ކުރިން ބާއްވަން، އެއީ ރޯދަމަހުގެ ތެރެއަށް ދިއުމަކީ ރައްޔިތުންނަށް ދަތި އުނދަގޫ ކަމަކަށްވާނެ ކަމެއް. އެހެން ނަމަވެސް މިހާރު އޮތް މަޖިލީހުން ބޭނުން ނުވީ ރޯދައިގެ ކުރިއަށް މަޖިލިސް އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހު ކޮށްދޭން. ގާނޫނު އިސްލާހު ކުރަން ބޭނުން ނުވި ސަބަބު އެބޭފުޅުން ކިޔައިދޭން އެބަ ޖެހޭ ނޫންތޯ. އަބަދުވެސް މި އަޑުއިވެނީ ރޯދައިގެ ތެރޭގައި ބޭއްވީމާ ރައްޔިތުންނަށް އުނދަގޫވާނޭ. އެހެންވީމަ ކީއްވެތޯ އަވަސްކޮށްލަ ނުދިނީ،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ރޯދަމަހުގެ ތެރޭގައި އިންތިހާބު ބާއްވާކަށް. ރޯދަ މަހަކީ އަޅުކަމުގެ މައްސަރަކަށްވީމަ ނޫންތޯ ކެމްޕޭން ތެރޭގައި ވައުދުވީގޮތަށް މިހާރު ރަސްމީކޮށް އެއޮތީ ފަހު 10 އެއްވެސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފަ. މިހާރު އަޅުގަނޑުމެންވީ ފަހު 10 ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅައިގެން އަޅުކަމަށް ހާއްސަކުރަންވީ ދުވަސްތަކުގައި އިންތިހާބުގެ ކެމްޕޭންގައި އުޅެންތޯ،"

އެ މަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުން މިހާރު ނިންމާފައިވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 87 ކަމަށާއި އެހެންކަމުން 80 މެންބަރުންނަށް ބަލައިގެން އިއްޔެ ފާސްކުރި މަޖިލިސް އިންތިހާބު ފަސްކުރާ ބިލުގެ މައްސަލައާއި އޭގެ ކުރިންވެސް ނިންމާފައި ހުރި އެހެން މައްސަލަތަކުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށް ދިއުމުގައި އަޅުގަނޑު ހުރިހާ ކަމެއްވެސް ކުރާނީ ގާނޫނާއި ގާނޫނު އަސާސީއާ އެއްގޮތަށް. ލަފާ ލިބެނީ އިއްޔެ ނިންމި ނިންމުން، ސުޕްރީމް ކޯޓުން އެގޮތަށް 80 މެންބަރުންނަކީ ރައްޔިތުން މަޖިލީހުގެ އަދަދު ނޫން ކަމަށް، އޮރިޖިނަލީ އޮންނަ 87 އަށް ކަމަށް ނިންމި ނިންމުމާ އެއްގޮތަށް ނޫން ގޮތަކަށް އިއްޔެ ނިންމި ނިންމުންވެސް ތަސްދީގުކުރަންޖެހޭ އެއްޗެއް ކަމަށް ލަފާ ލިބެންޏާ ވަގުތުން ތަސްދީގު ކޮށްލާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު މަޖިލިސް އިންތިހާބުގެ ތާރީހު ސާފު ނުވާ ކަމަށާއި އެހެންވެ، ބަންޑާރަނައިބުގެ ލަފަޔަކަށް މިއަދު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ބިލު ގެޒެޓް ކުރަން ލަފާދެއްވައިފިނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރީ އިއްޔެގެ ޖަލްސާގައެވެ. އެ ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 14 މެންބަރުން ވޯޓު ދެއްވިއެވެ. މިއީ މަޖިލީހުން އެ ބިލު ފާސްކުރި ދެވަނަ ފަހަރެވެ.

ފުރަތަމަ ފަހަރު އެ ބިލު ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ފޮނުވުމުން، ރައީސް ވަނީ އަނބުރާ އެ ބިލު މަޖިލީހަށް ފޮނުވާލައްވައިފައެވެ.