ރާއްޖެއިން ތެލެސީމިއާ ނައްތާލުމަށްޓަކައި 10 އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއް ހަދަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހެލްތު މިނިސްޓްރީން ހާސިލުކޮށްފައިވާ ކަންކަމުގެ މައުލޫމާތު ދިނުމަށް ސެނަކޯ މާލަމުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހަލީލު ވިދާޅުވީ، ރާއްޖެއިން ތެލެސީމިއާ ނައްތާލުމަށްޓަކައި މާސްޓާ ޕްލޭން ހެދުމުގެ މަސައްކަތް ފަށައި، ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.
"މީގެ ތެރޭގައި ބައެއް އެހެން ގައުމުތަކުގެ ހާއްސަކޮށް ނޭޕާލް، ސައިޕްރަސް ފަދަ ގައުމުތަކުގެ ތަޖުރިބާ ހޯދުމަށް އެ ގައުމުތަކާ މިދަނީ ކޮމިއުނިކޭޓް ކުރަމުން ނޫނީ ވާހަކަދައްކަމުން. އެ ގައުމުތަކުގެ ތަޖުރިބާއަށް ބަލާފައި ރާއްޖޭގައިވެސް މިކަން ރެޕްލިކޭޓް ކުރެވިދާނެކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބަ އޮތް. ރާއްޖެއިން ތެލެސީމިއާގެ ބަލި ނައްތާލުން ނޫނީ މިހާރަށްވުރެ މާބޮޑުތަނުން ކުޑަކުރުން އެއީ އަމާޒެއް،" ހަލީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ތެލެސީމިއާ ކުދީންނަށް ދޭ ފަރުވާ ހަރުދަނާކުރުމަށްޓަކައި މި ސަރުކާރުން ހަދަން ނިންމާފައިވާ ތެލެސީމިއާ ހޮސްޕިޓާ ހެދުމަށް ހުޅުމާލެ ފޭސް 2 އިން 72،000 އަކަފޫޓުގެ ބިމެއް ލިބިފައިވާ ކަމަށެވެ. އެހެންވެ މާލަސްތަކެއް ނުވެ ހޮސްޕިޓަލުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ތެލެސީމިއާ ކުދިން ބޯންމެރޯ ހެދުމަށް ފޮނުވަން ފަށާފައިވާ ޕްރޮގްރާމުގެ ތަފުސީލު ދެއްވަމުން ހަލީލު ވިދާޅުވީ، ޑިސެމްބަރު މަހުގެ ތެރޭގައި އެއް ކުއްޖަކު އަދި އިތުރު ފަސް ކުއްޖަކު މިހާރު ބޯންމެރޯ ހެދުމަށް އިންޑިއާއަށް ފޮނުވާލެވިފައިވާ ކަމަށެވެ. އެ ހުރިހާ ކުދީންގެ ހާލުވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.
ހަލީލު ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކުވެސް 10 ކުއްޖަކު ބޯންމެރޯ ހެދުމަށް ފޮނުވުމަކީ ސަރުކާރުގެ އަމާޒެކެވެ. އެކަމަށް ފަންޑުވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު