ނ. ހޮޅުދޫގައި ދަނާލަކާއި ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޮޅުދުއަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހޮޅުދޫއަކީ ތައުލީމީ ނިޒާމުގައި ފަހުރާއި ޝަރަފުވެރި ރަށެއް ކަމަށާއި ތައުލީމީ ހިދުމަތް ފޯރުކޮށްދިނުމުގައި އެ ރަށުގެ މޭނާ ސްކޫލަކީ ވެސް މިދިޔަ 75 އަހަރުގެ ތެރޭގައި ފަހުރުވެރި މާޒީއެއް އޮތް އަދި ފަހުރުވެރި މަސައްކަތްތަކެއް ކުރަމުންގެންދާ ސްކޫލެއް ކަމަށެވެ.

"ތައުލީމީ ނިޒާމު، މި ރަށުގައި އެ ދައުރު އިތުރަށް ފުޅާކުރުމަށްޓަކައި ތިބޭފުޅުންގެ އުންމީދުތައް ހަގީގަތަކަށް ހައްދަވައިދިނުމުގައި އަޅުގަނޑަށް ވެސް ލިބޭނެ ފަހުރެއް ކަމުގައިވާނީ، ތިބޭފުޅުން ތި އެދިވަޑައިގަންނަވާ ފެންވަރަށް ކަންތައްތައް ގެންގޮސްދިނުން. އެހެންވީމާ ދަނާލެއް ގާއިމުކޮށްދީ، އަދި މަތީ ތައުލީމުގެ ފުރުސަތުތައް ލިބޭނެގޮތަށް ޔުނިވާސިޓީގެ ކެމްޕަސް ވެސް މިތަނުގައި ގާއިމުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށްއޮތީ މަސައްކަތްކުރުމުގެ ދުވަސްތައް ކަމަށާއި އެކަންކަން ހަގީގަތަކަށް ހަދައިދިނުމުގެ ދުވަސްތައް ކަމަށެވެ. އަދި ރައީސް ވަނީ ހޮޅުދޫގައި ފެށިފައިވީ ނަމަވެސް، ނުނިމި ހުރި މަސައްކަތްތަކެއް ހުރިކަން ފާހަގަކުރައްވައިފައެވެ.

"އެގޮތުން ފެނުގެ މަޝްރޫއު ވަރަށް ދުވަސްވެފައި އޮތީ. އަދި އެގޮތަށް މަގު ހެދުން ވެސް ކުރިއަށް އެބަދޭ، އެކަން ވެސް ނިމުމަކާ ގާތަށް ވެސް ނުދޭ، އަދި އެ މަޝްރޫއަށް އިތުރު މަގުތައް އިތުރުކުރަން ވެސް ޖެހޭ. ބަނދަރު ހިނގުމުގެ މަސައްކަތް އެބަ ހިނގާ، އެ މަޝްރޫއަށް ވެސް ރައްޔިތުން އެބަ އެދިވަޑައިގަންނަވާ ބަދަލުތައް ގެންނަން. އެއީ މި ރަށުގެ ތަރައްގީއަށް، މިކަހަލަ މަޝްރޫއުތައް ހިނގަމުންދާ އިރުގައި، ކޮންމެހެން ވެސް ދުރު ރާސްތާއަށް ވިސްނާއިރުވެސް، ތިބޭފުޅުން ވިސްނައިވަޑައިގެން ގެންނަން ބޭނުންވާ ބަދަލުތައް ކަމުގައި އަޅުގަނޑު ގަބޫލުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކައުންސިލުން އެދިފައިވާ ގޮތަށް ބަނދަރަށް ގެންނަންޖެހޭ ބަދަލުތަކާއެކު ތަރައްގީކޮށްދެއްވާނެ ކަމަށާއި އިތުރަށް ހިއްކެން އޮތް ބިންކޮޅެއް އޮތިއްޔާ އެތަނެއް ވެސް ހިއްކައިދެއްވާނެ ކަމަށެވެ. އަދި ހޮޅުދޫގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމީދޫގެ ޕްލޭން ހަދައި، އެތަނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންގޮސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.