ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑު ދިރާގަށް އަނެއްކާވެސް ލިބިއްޖެއެވެ.

ދިރާގުން މިއަދު ބުނީ، ދުނިޔޭގެ ސްޕީޑް ހަދާ ކުންފުނި "އޫކްލާ"އިން ދެމުންދާ އެވޯޑުގައި، ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑު ޖެހިޖެހިގެން ލިބޭ މިއީ ތިންވަނަ ފަހަރު ކަމަށެވެ.

އެ އެވޯޑަކީ 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރުވަނަ ކުއާޓަރުގައި މާކެޓުގެ އެހެނިހެން ބޮޑެތި މޮބައިލް ނެޓްވޯކުތަކާ އަޅައިބަލާއިރު އާދަޔާހިލާފު ސްޕީޑާއި ޕާފޯމަންސް ދައްކާ މޮބައިލް ނެޓްވޯކް އޮޕަރޭޓަރުންނަށް ދޭ އެވޯޑެއް ކަމަށާއި އެއީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން މިދިޔަ އަހަރު ކުރި މަސައްކަތުގެ އަލިގަދަ ހެއްކެއް ކަމަށް ދިރާގުން ބުންޏެވެ.

އޫކްލާ އިން އެ އެވޯޑު ދިރާގާ ހަވާލުކުރީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2023 ގައެވެ. ދިރާގުގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގެންނެވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއީލް ރަޝީދެވެ.

ދިރާގުން ބުނީ އޫކްލާގެ ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓް އިން ކޮންމެ ދުވަހަކު، އެކި ކަންކޮޅުތަކުގައި ނެޓްވޯކުތަކުގެ ފެންވަރު ބަލައި، އެތައް ސަތޭކަ މިލިއަން ޑޭޓާ އެއްކޮށް ދިރާސާކުރާ ކަމަށެވެ. އަދި އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރިޕޯޓުން ދައްކާގޮތުގައި ދިރާގުން ވަނީ މިދިޔަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި އެންމެ ހަލުވި މޮބައިލް ސްޕީޑް ހޯދައި ރާއްޖޭގެ މޮބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދާފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

"ޖެހިޖެހިގެން ތިންވަނަ އަހަރުވެސް އޫކްލާއިން ދިރާގަށް 'ދިވެހިރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް' އެވޯޑު ލިބުމުގެ އުފާވެރި ހަބަރު ކަސްޓަމަރުންނާ ހިއްސާކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިކަމުން ދައްކުވައިދެނީ އެންމެ ފުރިހަމަ ހިދުމަތާއި ފެންވަރު ރަނގަޅު ތަޖުރިބާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުން ކުރާ މަސައްކަތާއި ދޭ ހާއްސަ އަހައްމިއްޔަތު. ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގައި އަޅުގަނޑުމެންނާއެކު ދެމިތިއްބެވިކަމަށްޓަކައި ދިރާގު ކަސްޓަމަރުންނަށް މަރުހަބާ ކިޔަން އަދި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 އިންސައްތަ މޮބައިލް 4ޖީ ކަވަރޭޖް ދިރާގުން ފޯރުކޮށްދެއެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ މިހާރު 5ޖީގެ ހިދުމަތް އާބާދީގެ 50 އިންސައްތައަށްވެސް ފޯރުކޮށްދީފައެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާ އިރު، އެ ކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.