ރަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވައިލެއްވި، މަޖިލިސް އިންތިހާބު ފަސް ކުރުމުގެ ބިލު މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށްފިއެވެ.

އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކުރީ މިމަހުގެ 11 ގައެވެ. އަދި މިމަހު 13 ގައި އެ ބިލު ތަސްދީގު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވިއެވެ.

ނަމަވެސް ގާނޫނުއަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތުގައި ބިލް ތަސްދީގު ނުކުރައްވައި މިދިޔަ ހޯމަ ދުވަހު އެބިލާ މެދު މަޖިލީހުން އަލުން ވިސްނުމަށް އެދި ބިލް އަނބުރާ މަޖިލީހަށް ވަނީ ފޮނުއްވާލައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ބިލް އަނބުރާ ފޮނުވައިލެއްވީ، ބަންޑާރަނައިބުގެ ލަފާފުޅުގެ މަތިން، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުން ކަމަށެވެ.

ބަންޑާރަނައިބު ދެއްވި ލަފާފުޅުގެ ތެރޭގައި މި ބިލުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރަޒުވާ ކަންކަމާއި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިހާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖުރާއަތުތައް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެހެންކަމުން އެކަންކަން އިސްލާހުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ބަންޑާރަނައިބު ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައިވާތީ ބިލު އަނބުރާ ފޮނުވާލެއްވީ ކަމަށް ބިލު އަނބުރާ ފޮނުއްވައިލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި އެ ބިލު ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު ކަމަށް ބަންޑާރަނައިބު ފާހަގަކުރައްވާފައިވާ ނުކުތާތައް އެ ސިޓީގައި ބަޔާންކޮށްދެއްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިބިލު އަނބުރާ ފޮނުއްވައި ލެއްވެވި ސަބަބު ބަޔާން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީފުޅުގައި ވަނީ، އެ ބިލުން ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ގާނޫނުތަކާއި ގާނޫނުއަސާސީއާ ހިލާފްވާ ކަމަށް އެމަނިކުފާނަށް ގަބޫލު ކުރެވޭ ޕޮއިންޓްތައް ފާހަގަ ކުރައްވައިފައެވެ.

އެބިލު އަނބުރާ ފޮނުވައިލުމުން އެކަމަށް ގޮތަށް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ގެނަސް މިއަދުގެ ޖަލްސާގައި ވަނީ ބަހުސްކޮށްފައެވެ. އަދި ބިލު އޮތްގޮތަށް އަލުން މަޖިލީހުން ފާސް ކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ހުށަހަޅުއްވައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ވަނީ ތާއީދު ކުރައްވައިފައެވެ.

އެ ހުށަހެޅުމާ ގުޅިގެން މަޖިލީހުން ބިލް ދެވަނަ ފަހަރަށް ފާސްކުރީ އެވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 14 މެންބަރުން ވޯޓު ދެއްވިއެވެ.

ބިލް މިގޮތަށް ފާސްކުރުމުން ގާނޫނުއަސާސީ ބުނާ ގޮތުން ބިލް ތަސްދީގުކުރުން ރައިސުލްޖުމްހޫރިއްޔާއަށް ލާޒިމުވާނެއެވެ.

މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުކުރުމާ ބެހޭގޮތުން ގާނޫނު އަސާސީގައި ބުނަނީ، މަޖިލީހުން ފާސްވާ ކޮންމެ ބިލެއް ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަސްދީގުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ. އަދި އެ ބިލު ލިބޭތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރަންވާނެއެވެ. ނުވަތަ އެ ބިލާ މެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނަން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިސްލާހަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވަންވާނެއެވެ.

އަނބުރާ މަޖިލީހަށް ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލީހުން ފާސްވެގެން ތަސްދީގުކުރުމަށް ފޮނުވާ ބިލެއް ތަސްދީގުކުރަން އޮންނަ މުއްދަތުގެ ތެރޭގައި އެ ބިލަކާ މެދު އަލުން ވިސްނުމަށް ނުވަތަ އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވައިފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރީ ކަމަށް ބަލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.