ށ. ފުނަދޫން (ޢަލީ ޔާމީން، ވަން އޮންލައިން)

ރާއްޖޭގައި "މަޑްކްރެބް" އާލާކުރުމަށް، ދިރާސާއެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް މެރިން ރިސާޗް އިންސިޓިއުޓް (އެމްއެމްއާރްއީ) އިން ކުރަމުން އަންނަ ކަމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތިލަދުންމަތީގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި ރަށު ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މެރިކަލްޗާއަކީ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ތަރައްގީކޮށް ކުރިއަރުވަން ބޭނުންވާ ދާއިރާއެއް ކަމަށެވެ.

މި ރަށަކީ، ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ރަށެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ރަށުން "މަޑްކްރެބް" ފެންނަ ކަމަށެވެ. މި ރަށާއި ގުޅިފައިވާ "ދަށްފަޅުން"ގައި ގިނަ އަދަދެއްގެ "މަޑްކްރެބް" އުޅެއެވެ. މި ރަށު މީހުން، އެ ކަކުނި ހިފައި ކައިވެސް އުޅެއެވެ.

"މަޑްކްރެބް، އާލާކޮށް، އާމްދަނީ ހޯދޭނެތޯ ދިރާސާއެއް ކުރުމުގެ މަސައްކަތް މޯލްޑިވްސް މެރިން ރިސާޗް އިންސިޓިއުޓް (އެމްއެމްއާރްއީ) އިން އެބަ ކުރިއަށްގެންދަވާ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރާއްޖޭގައި 170 އަށް ވުރެ ގިނަ ރިސޯޓް އޮތްއިރު، އެ ރިސޯޓުތަކުން މަޑްކްރެބް ގަންނަ ކަމަށެވެ.

"މެރިކަލްޗާއަކީ ރައްޔިތުންނަށް ވަރަށް ބޮޑު އާމްދަނީއެއް ހޯދޭނެ ކަމެއް" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، މެރިކަލްޗާ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން "ފަރުމަސްވެރިކަމުގެ ލޯނު" ދޫކުރަމުން އަންނަ ކަމަށާއި ސަރުކާރުން އެ ދާއިރާ ކުރިއަރުވަން ގިނަ ފުރުސަތުތައް އެބަހުރި ކަމަށެވެ.