އިންޑޮނީޝިއާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ބައިބޯ ގައުމެވެ. އެގައުމުގެ އާބާދީއަކީ 279 މިލިޔަނެވެ. މުޅި ދުނިޔެއަށް ބަލަންޏާ އެއީ ހަތަރުވަނައެވެ. އިންޑޮނީޝިއާގައި އޮންނަނީ ޑިމޮކްރަޓިކް ރިޔާސީ ނިޒާމެކެވެ. މަރުކަޒީ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ގައުމު ހިންގަވާ އެންމެ އިސްވެރިޔަކީ ރައީސެވެ. ގާނޫނުއަސާސީން ރައީސަށް ލިބިދެނީ ގިނަވެގެން ފަސް އަހަރުގެ ދެ ދައުރެވެ. މިހާރު އެހުންނެވީ އިންޑޮނީޝިޔާގެ ތާރީޚުގައި ހަތްވަނަ ރައީސެވެ. ރައީސް ޖޯކޯ ވިޑޯޑޯގެ ދައުރު މިއަހަރު ހަމަވާނެއެވެ. އެހެންވީމާ އެގައުމުގެ ރައްޔިތުން ވަނީ އައު ރައީސަކު ހޮވުމަށްޓަކައި މި ފެބްރުއަރީ މަހުގެ ސާދަވަނަ ދުވަހު ވޯޓުލައިފައެވެ. ވޯޓުލުން ބޭއްވުނުތާ ހަފުތާއެއް ފާއިތުވެގެންދިޔައިރު ރަސްމީ ނަތީޖާ އަދި އިއުލާނެއް ނުކުރެއެވެ. އެކަމަކު ނުރަސްމީގޮތުން ނަތީޖާ ސާފެވެ. ކުރީގެ އަސްކަރީ ޖެނެރަލެއް ކަމަށްވާ ޕްރަބޯވޯ ސުބިއާންޓޯ ވަނީ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވައިފައެވެ. އެކަމަކު ޝަކުވާތައް ގިނަގުނައެވެ.
ޕްރަބޯވޯއަކީ ދެފަހަރެއްގެ މަތިން މީގެކުރިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅެކެވެ. އެންމެފުރަތަމަ 2014 ގައެވެ. ދެން އޭގެފަހުން 2019 ގައެވެ. އެ ދެ ފަހަރުވެސް ނާކާމިޔާބީ ގަބޫލުކުރެެއްވުމުގެ ބަދަލުގައި ކޯޓަށް ވަޑައިގެން ޗެލެންޖު ކުރެއްވިއެވެ. ނަތީޖާ އޮޅުވައިލީކަމަށް ވިދާޅުވެފައެވެ. އެކަމަކު ކޯޓުގައި މި ތުހުމަތުތައް ސާބިތުކޮށެއް ނުދެވުނެވެ. ނަތީޖާއަކަށް ބަދަލެއް ނުގެނެވުނެވެ. އެކަން ނުކުރެވުނަސް މުޅި ގައުމުގައި ހަލަބޮލިކަން އިތުރުކުރެވުނެވެ. ބޮޑެތި ސިޓީތަކުގައި ވަރުގަދަ މުޒާހަރާތަކެއް ތަމްސީލުވެގެން ދިޔައެވެ. ކުރިން ދެންނެވި ދެފަހަރުވެސް ޕްރަބޯވޯގެ ހުރަހަކަށްވީ ރައީސް ޖޯކޯ ވިޑޯޑޯއެވެ. އެކަމަކު މިފަހަރު ޕްރަބޯވޯގެ ބާރަކަށް އަދި އެހީތެރިޔަކަށްވީ ރައީސް ވިޑޯޑޯއެވެ. މިއީ ސިޔާސީ ކަންކަމުގައި ދުޝްމަނުން އެކުވެރިންނަށް ބަދަލުވަމުންދާ ގޮތުގެ ރީތި މިސާލެކެވެ.
އެންމެފަހުން ބޭއްވުނު ދެ އިންތިޚާބަށްފަހު ޕްރަބޯވޯ އަމަލުކުރެއްވި މަގު މިފަހަރު ޚިޔާރު ކުރެއްވީ އޭނާއާ އެންމެ ބޮޑަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ އަނީސް ބަސްވެދާނާއި ގަންޖާ ޕްރަނޯވޯއެވެ. މިއީ އުމުރުގެ ގޮތުން ޕްރަބޯވޯއަށްވުރެ މާ ޒުވާން ބޭފުޅުންނެވެ. އަދި ސިޔާސީ ތަޖުރިބާގެ ގޮތުންވެސް ޕްރަބޯވޯއަށްވުރެ މާ ޖޫނިއަރ ބޭފުޅުންނެވެ. މީގެތެރެއިން އަނީސަށް މިފަހަރު ހޯއްދެވުނީ ވޯޓުގެ 25 އިންސައްތައެވެ. ގަންޖާއަށް 17 އިންސައްތައެވެ. އެ ދެބޭފުޅުން ވިދާޅުވާގޮތުގައި ސަރުކާރުން މި އިންތިޚާބަށް ނުފޫޒު ފޯރުވައިގެން މަކަރުހެދީއެވެ. އޮޅުވައިލީއެވެ. ޑިމޮކްރަސީގެ ނަމުގައި ޑްރާމާ ކުޅުނީއެވެ. މި ދެބޭފުޅުންވެސް މަސައްކަތް ކުރައްވަނީ ގާނޫނުހަދާ މަޖިލީހުގެ ތެރެއިން މިކަމުގެ ތަހުގީގެއް ފެށުމަށެވެ. މި ވަގުތު މަޖިލީސް އޮތީ ޗުއްޓީގައެވެ. އަލުން އެއްތަންވާނީ ކުރިއަށް އޮތް މާޗް ފަހެއްގަައެވެ.
މިފަހަރުގެ އިންތިޚާބުގައި ޕްރަބޯވޯއަށް ވޯޓުގެ 58 އިންސައްތަ ލިބިވަޑައިގެންނެވި ކަމަށް އަދަދުތަކުން ދައްކައެވެ. އެހެންވީމާ ދެވަނަ ބުރަކަށް ނުގޮސް އެއްބުރުން އޭނާ ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައިފައެވެ. ދެވަނަ ބުރަކަށް ދާންޖެހުނުނަމަ އެބުރު ބާއްވަން ހަމަޖެހިފައިއޮތީ މިއަހަރުގެ ޖޫންމަހުއެވެ. ކޮންމެއަކަސް ޕްރަބޯވޯ ވަނީ އަމިއްލަފުޅަށް ކާމިޔާބީ އިއުލާންވެސް ކުރައްވައިފައެވެ. އެހެންނަމަވެސް ރަސްމީ ނަތީޖާ އަދި އިއުލާނެއް ނުކުރެއެވެ. އިލެކްޝަންސް ކޮމިޝަނުން ދާއިމީ ރަސްމީ ނަތީޖާ އިއުލާންކުރާނީ ކުރިއަށްއޮތް މާޗްމަހު ވިހީގައެވެ. ތަހުގީގެއް ހިންގަންޏާ އެތަހުގީގެއް މިދެންނެވި ތާރީޚުގެ ކުރިން ހިންގާންޖެހެއެވެ. ސުވާލަކީ ގާނޫނުހަދާ މަޖިލީހުގައި އެވަރުގެ ބާރަކާއި ތާއީދެއް އަނީސާއި ގަންޖާރަށް އެބައޮތްތޯއެވެ. އަނީސަކީ ވެރިރަށް ޖަކާޓާގެ ކުރީގެ ގަވަރުނަރެވެ. މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވީ އަމިއްލަގޮތުންނެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.
ގާނޫނުހަދާ މަޖިލީހުގެ ތެރެއިން ތިން ޕާޓީއެއްގެ ތާއީދު އަނީސަށް އެބައޮތެވެ. އަނެއްކޮޅުން ގަންޖާއަށް ތާއީދުކުރަނީ ދެ ޕާޓީއަކުންނެވެ. އޭގެތެރެއިން އެއްޕާޓީއަކީ ގާނޫނުހަދާ މަޖިލީހުގައި މިވަގުތު އެންމެ ބޮޑު ޕާޓީކަމަށްވާ ޕީޑީއައި- ޕީ އެވެ. މިފަހަރުގެ އިންތިޚާބުގައި މިހާރު ހުންނެވި ރައީސް ޖޯކޯ ވިޑޯޑޯ ވާދައެއް ނުކުރައްވައެވެ. ރިޔާސަތުގެ ތިންވަނަ ދައުރެއް ގާނޫނުއަސާސީ ހުއްދަ ނުކުރާތީއެވެ. އޭނާ އެ ފުރިހަމަ ކުރައްވަނީ ދެވަނަ ދައުރެވެ. ރައީސް ވިޑޯޑޯއަކީ ކެންޑިޑޭޓަކަށް ނުވިޔަސް އޭނާއާއި މުޅި ސަރުކާރުގެ ސަޕޯޓް އޮތީ ޕްރަބޯވޯއަށެވެ. ޕްރަބޯވޯއަކީ މިސަރުކާރުގެ ދިފާއީ ވަޒީރެވެ. އަދި ރައީސް ވިޑޯޑޯގެ އެންމެ ދޮށީ ދަރިކަލުން ގިބްރާން ރާކާއަކީ ޕްރަބޯވޯގެ ރަނިންމޭޓެވެ. އައު ނާއިބުރައީސެވެ. އެހެންވީމާ ސަރުކާރުގެ ކެންޑިޑޭޓަކީ ކާކުކަން އެންމެނަށްވެސް ވަރަށް ސާފެވެ.
އެމީހަކީ އުމުރުން 72 އަހަރުވީ ޕްރަބޯވޯ ސުބިއާންޓޯއެވެ. އޭނާއަކީ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލެކެވެ. ކޯފާ އިސްކުރެއްވުން އަވަސް ހަރުކަށިކަންވެސް އަވަސް ބޭފުޅެކެވެ. ޕްރަބޯވޯގެ ރިޔާސަތު ވެގެންދާނީ ހުރިހައި ގޮތަކުން ވަރަށް ތަފާތު ރިޔާސަތަކަށެވެ. އިންޑޮނީޝިއާގެ އަސްކަރިއްޔާއަކީ ހުޅަނގުގެ ގައުމުތަކުން އަބަދުވެސް ކުށްވެރިކުރާ މުއައްސަސާއެކެވެ. އިންސާނީ ހައްގުތަކުގެ މައްސަލައިގައެވެ. އިރިއަންޖާޔާ އާއި އިރުމަތީ ޓިމޯރުގައި އިންޑޮނީޝިއާގެ އަސްކަރިއްޔާއިން ހިންގާފައިވާ ކަމަށް ބުނާ ޖަރީމާތައް ގިނަގުނައެވެ. ޕްރަބޯވޯއަކީ އެމެރިކާއިން މިޒާތުގެ ތުހުމަތެެއްގައި ބްލެކްލިސްޓްކޮށް އެމެރިކާއަށް އެރުން މަނާވެސް ކުރެވިފައިވާ ބޭފުޅެކެވެ. އޮސްޓްރޭލިޔާވެސް އޭނާއާމެދު ބަލަމުންއައީ ހަމަ އެކަހަލަ ލޮލަކުންނެވެ. އެހެންވީމާ އެކުގައި މަސައްކަތްކުރުން ފަސޭހައެއް ނުވާނެއެވެ. ފަސޭހަ ނުވިޔަސް އިންޑޮނީޝިޔާއާއެކު ކުރިއަށް ދިއުން ނޫން ގޮތެެއް އެއިން ގައުމަކަށް ނެތެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ