މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެޑްވައިޒަރަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސައިފިއެވެ.
އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) "ވަން" އަށް މިއަދު ވިދާޅުވީ ރައީސް ސޯލިހު، އެމްޑީޕީގެ އެޑްވައިޒަރެއްގެ މަގާމަށް ހަމަޖައްސާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
ރައީސް ސޯލިހު އެންމެ ފަހުން ހުންނެވީ އެމްޑީޕީގެ ވަގުތީ ރައީސްގެ މަގާމުގައެވެ. އެމަނިކުފާނު އެ މަގާމަށް ހަމަޖެއްސެވީ ނޮވެމްބަރު 24 ގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ.
އެމްޑީޕީގެ ރައީސްކަމަށް އިއުލާނު ކުރުމުން އެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އެކަނި ކުރިމަތިލެއްވުމުން، އިންތިހާބަކާ ނުލައި ޝާހިދު ވަނީ އެމްޑީޕީގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންފައެވެ.
ސޯލިހު، ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި އިރު، އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރެވެ. އެއީ އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ ޕާޓީގެ މެންބަރަކު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނަމަ އެއީ ޕާޓީގެ އިސް ލީޑަރެވެ.
އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނު ލޯންޗުކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ އެ މަނިކުފާނު އަބަދުވެސް ހުންނަވާނީ ޕާޓީގެ ލީޑާޝިޕުގައި ކަމަށެވެ. އަދި އެމްޑީޕީއަށް ދިމާވާ ހުރިހާ ދަތިތަކަކުން އަރައިގަނެ، ޕާޓީ އަލުން ތަރުތީބު ކުރުމަށް ހުންނަވާނީ ތައްޔާރަށް ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު