ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ދާ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް ރާއްޖެއިން ބައިނަލްއަގުވާމީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ސިފަކޮށްފިއެވެ.

އިޒްރޭލުން ފަލަސްތީނު އަޅުވެތިކޮށްފައި އޮތުމުގެ ގާނޫނީ ނަތީޖާއާ މެދު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ތާއީދުކޮށްފައިވާ 52 ގައުމުގެ ތެރޭގައި ހިމެނި ރާއްޖެއިން ވަނީ ރޭ ބޭއްވި އަޑުއެހުމުގައި ބަޔާނެއް ދީފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ރޭ ބުނީ އެ އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރި ވަފުދުގައި އިސްކޮށް ހުންނެވި ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު އައިޝަތު ޝާން ޝާކިރު ވަނީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ތާއީދުކުރުމަކީ ޒަމާނުއްސުރެ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މުހިންމު އެއް ބިންގާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ މުހިންމު ސިޔާސަތެއް ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެއިތުރުން، 1967 ގެ ކުރިން ކަނޑައެޅިފައި އޮތް ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، އެއީ މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ކަމަށް ހެދުމަކީ މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލު ކަމަށް ރާއްޖެއިން ޒަމާނުއްސުރެ ކުރާ ވަކާލާތު ސަފީރު ރޭ ވެސް ވަނީ ތަކުރާރުކުރައްވައިފައެވެ.

އިއްޔެގެ އަޑުއެހުމުގައި އިނގިރޭސިވިލާތާއި ވޭލްސްގެ ބާގެ މެމްބަރުން ކަމުގައިވާ އެސެކްސް ކޯޓު ޗެމްބާސްގެ ބައިނަލްއަގުވާމީ ވަކީލުން އޭމީ ސެންޑާ އަދި ޑރ. ނައޯމީ ހާޓްވެސް ވަނީ ދިވެހިރާއްޖެ ތަމްސީލު ކުރައްވައި ބަޔާން ހުށަހަޅުއްވައިފައެވެ.

"ދިވެހިރާއްޖެ ތަމްސީލު ކުރައްވައި އެބޭފުޅުން ހުށަހެޅުއްވި ބަޔާނުގައި އަލިއަޅުއްވާލައްވާފައި ވަނީ، އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ އެކިއެކި ސީރިއަސް އަމަލުތަކަށާއި ވަކިން ހާއްސަކޮށް ފެނުގެ ވަސީލަތްތަކާ ގުޅޭގޮތުން އަމަލުކުރަމުންދާ ގޮތަށާއި އ.ދ ގެ އާންމު މަޖިލީހުން އައިސީޖޭ އަށް ކުރިމަތިކޮށްފައިވާ ދެ ސުވާލުގެ ޖަވާބަށެވެ. އަދި ރާއްޖއިން ވަނީ އިސްރޭލުގެ ބާރު ދަށް ގެނެސްފައިވާ ފަލަސްތީނު ބިންތަކުގައި އިސްރާއިލުން ތަންޕީޒުކުރަމުންދާ ސިޔާސަތުތަކާއި އަމަލުކުރަމުންދާ އުސޫލުތަކަކީ 'އެޕާތައިޑް' އެއް ކަމަށް ސިފަކޮށް، އެފަދައިން ގަބޫލުކުރާ އެހެން ގިނަ ގައުމުތަކާ ގުޅިފައެވެ،" ބަޔާނުގައިވެއެވެ.

މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުން ހިމެނޭހެން، ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް، އިޒްރޭލުން ފަލަސްތީނުގައި ހިނގަމުންދާ 'ޖެނޮސައިޑް' ގެ އަމަލުތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ގޮވާލުމުގައި ރާއްޖޭން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.