ކުރިއަށް އޮތް އަހަރުގެ ރޯދަ މަހުގައި ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި އަހަރުގެ ރޯދަ މަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެވެސް ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރޯދަމަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ކަނޑައަޅާފައި ވަނީ 2022 މާޗު 6 ގައި ކަމަށެވެ. އެހެންކަމުން އެދުވަސްތަކުގައި އޮފީސްތަކުގެ ރަސްމީ ގަޑިތައް އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 11 ވަނަ ދުވަހެވެ.

ރޯދަމަހުގައި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުންނާއި އަޅުކަން ކުރުމަށް އެންމެންނަށް ވީހާ ވެސް ގިނަ ވަގުތު ދިނުމުގެ ގޮތުން ރައީސް މުއިއްޒު ނިންމަވާފައި ވަނީ މި އަހަރުން ފެށިގެން ކޮންމެ ރޯދަމަހެއްގެ ފަހު 10 ގައި ސަރުކާރު ބަންދުކުރާ ގޮތަށެވެ.