ހދ. ހަނިމާދޫން (ޢަލީ ޔާމީން، ވަން އޮންލައިން)
ކުރީ ސަރުކާރުން ކުންފުނިތަކަށް ޕްރޮޖެކްޓްތައް ދީފައި ހުރީ ތިނެއް ނުވަތަ ހަތަރު ގުނަ އަގުބޮޑުކޮށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް މި ސަރަހައްދަށް (ބޮޑުތިލަދުންމައްޗަށް) މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މި ރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިޖުތިމާއީ މަރުކަޒުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 170 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުގެ ގިނަ މަޝްރޫއުތައް ހުރީ ބިންގާ އެޅި ގޮތަށް ކަމަށާއި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތްވެސް ފެށިފައިނުވާ ކަމަށެވެ.
"ހުރިހާ ޕްރޮޖެކްޓެއްގެ އަގު ހުރީ ތިން ގުނަ ހަތަރު ގުނަ ބޮޑުކޮށް" މި ރަށު އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުވެސް ހަވާލުކުރީ ނުއަގުގައި (130 މިލިއަން ޑޮލަރަށް) ކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވިއެވެ. އެގޮތުން އެއަގަށް ނުވަ ޑޮމެސްޓިކް އެއާޕޯޓް ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ފިނިހަކަ ދުވެލި ދޫކޮށް، ބާރު ސްޕީޑުގައި ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށް ކަމަށެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރައްވަމުންގެންދަވާ ރައީސް ކަމަށާއި ސަރުކާރުގެ މަޝްރޫއުތައް އަވަސްކުރަން ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ދޭން ޖެހޭ ކަމަށެވެ.
"އިދިކޮޅު އެމްޑީޕީގެ ފަލްސަފާއަކީ ސަރުކާރަށް ޖެއްސުންކުރުން، ސަރުކާރު ހިނގިޔަނުދިނުން" ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ބޭނުންވާ ސަބަބު ތިލަކޮށްދެއްވައި ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، މި ސަރުކާރުން މަސްވެރި ސިނާއަތްވެސް ކުރިއަރުވައި އެ ސިނާއަތަކީ އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ވައްދާ އަދި އެންމެ ގިނަ ވަޒީފާ އުފައްދާ ސިނާއަތަށް ހައްދަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު