އައިފޯން ތެމުނަސް ހަނޑުލަށް ނުލުމަށް އެޕަލް އިން އަންގައިފިއެވެ.

އެޕަލް އިން މިގޮތަށް އަންގާފައި މިވަނީ ފޯނަށް ފެން އެޅުމުން އެކަމުގެ ސަބަބުން ފޯނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ގިނަމީހުން ބޭނުންކުރާ އުކުޅު ކަމަށްވާ ފޯނު ހަނޑޫ އެއްޗެއްގެ ތެރެއަށްލުމުން އައިފޯނަށް އެކަމުން ނުރައްކާވާނެ ކަމަކަށް ވާތީ ކަމަށް އެޕަލްއިން ބުނެއެވެ.

އެޕަލް އިން ނެރުނު ސަޕޯޓް ނޯޓުގައި ބުނެފައިވާ ގޮތުގައި، ހަނޑުލަށް ލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ހަނޑުލުގައި ހުންނަ ކުދި ފުށްތަކުގެ ސަބަބުން ފޯނަށް ގެއްލުން ވާނެއެވެ.

އެޕަލް އިން އިތުރަށް ބުނީ، ފޯނު ތެމުމުން ބައެއް މީހުން ފޯނު ހެއާ ޑްރަޔާ ކަހަލަ އެއްޗެއް ބޭނުންކޮށް ހޫނު ވައި ބޭނުން ކުރުމުގެ އިތުރުން ފޯނުގެ ކަނެކްޓަރަށް ކަފަބުރާއި ޓިޝޫ އަދި ފޮތި އެއްޗެހިވެސް ކޮށްޕާ ކަމަށެވެ. އެފަދަ ކަންކަންވެސް ނުކުރުމަށް އެޕަލްއިން ވަނީ އެދިފައެވެ.

އެޕަލް އިން ވަނީ ފެން އެޅި ފޯނުގެ ކަނެކްޓަރަށް އަސަރުކޮށްފި ނަމަ އެލާޓެއް އަންނާނެ ކަމަށާއި ފެން އެޅުމާއެކު ޗާޖިން ޕޯޓު މަސައްކަތް ކުރުން ހުއްޓޭނެ ކަމަށް ބުނެފައެވެ. އަދި ފެން އެޅިއްޖެ ނަމަ ފޯނުގެ ޗާޖިން ޕޯޓު ތިރިޔަށް ވާގޮތަށް އަތް މަތީ ޖަހާލުމުން ފެން ނިކުންނާނެ ކަމަށްވެސް ބުނެފައެވެ. އެއަށްފަހު 30 މިނިޓު ވަންދެން ވައިޖެހޭ ހިސާބެއްގައި ފޯނު ބޭއްވުމުން ފެން ސާފުވެ އަލުން ބޭނުން ކުރެވޭނެ ކަމަށް އެޕަލް އިން ބުނެއެވެ.