ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އަދި އެ މަނިކުފާނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުން ކުރިމަތިކުރާ ހުރަސްތަކުން ރައީސް މުއިއްޒު ގެންދަވަނީ ރެކިވަޑައިގަންނަވަމުން ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. ނޮޅިވަރަންފަރަށް މިރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ މަޖިލީހުގެ އިންތިހާބު މިވަނީ ބޯމަތިވެފައި ކަމަށެވެ. ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސަވަމުން ކަމަށާއި ރައީސް މުއިއްޒަށް އިހުލާސްތެރިވާނެ މެންބަރުން، މަޖިލީހަށް އިންތިހާބުކުރުން މުހިންމު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ވަރުގަދަ އަޒުމެއްގެ، ވަރަށް ސާބިތުކަމާއެކީގައި އެމްޑީޕީގެ ހުރިހާ ގޮންޖެހުންތަކާއެކީގައި މަޖިލިސް ތެރެއިން އެ ޖަހާ ސަކަރާތާ ހުރިހާ ކަމެއް، ވަރަށް ހިކުމަތްތެރިކަމާއެކު އެއިން ރެކިވަޑައިގެން މިހާ ހިސާބަށް ވަޑައިގެންފައި،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެންމެ ގަދައަށް ދައްކާ މީހުން ފާއިތުވި 13 އަހަރުގެ ތެރޭގައި ކައުންސިލްތަކަށް އެކަށީގެންވާނެ އިމާރާތެއްހާ މިންވަރު ވެސް ހޯދައިދީފައިނުވާނެ ކަމަށެވެ. އެކަމަކު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އުފައްދާ ވާހަކަފުޅު ރައީސް މުއިއްޒު ވިދާޅުވުމުން، "އެއްބަޔަކަށް ހީވީ ތެޔޮ ތާހަކަށް ކަޑައެއް ވެއްޓިގެން އުޅޭހެން. އެހެން ފަދަ ކަމެއްވެގެން އުޅޭހެން ހީވީ." ކަމަށެވެ.

ނަމަވެސް މިއަދު އެމްޑީޕީން ކައުންސިލަރުން ވެސް ގަބޫލުކުރަނީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަކީ ރައީސް މުއިއްޒު ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަން ވަނީ ކައުންސިލުތައް ބާރުވެރިކުރުވުމަށް، ކައުންސިލުތަކަށް ފަޅުރަށްރަށް ލިބޭނެ ގޮތް ހަމަޖައްސައިދެއްވާފައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ގެންދަވަނީ ލާމަރުކަޒީ ގާނޫނޫ ފުރިހަމައަށް ތަންފީޒު ކުރައްވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.