ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުން ކުޅުނު މެޗުގައި ފަހުވަގުތު ލެއިޕްޒިގް ބަލިކޮށްފިއެވެ.
ބަޔާނުން ރޭ އަމިއްލަ ދަނޑުގައި ލެއިޕްޒިގް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވި ގޯލު ބަޔާނުން ޖެހީ އެންމެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށެވެ. މިދިޔަ ދެ ހަފުތާގައި ބަޔާނަށް ތިން ބައްޔާ ކުރިމަތިލާން ޖެހުނު އިރު، ރޭގެ މެޗަށް ނުކުތީ އޭގެ ކުރިން ލީގުގައި ކުޅުނު ދެ މެޗުންވެސް ބަލިވެފައި އޮވެގެންނެވެ.
އެ ހާލަތުގައި ބަޔާން އޮތް އިރު، އެޓީމަށް ވަނީ ޖެހިޖެހިގެން 12 ވަނަ ލީގު ތަށްޓެއް ހޯދަން އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. މިވަގުތު ބަޔާން ލީގު ތާވަލުގެ ދެވަނައިގައި އޮތީ 23 މެޗުން 53 ޕޮއިންޓާއެކުގައެވެ. ބަޔާން ލެވަކޫސަން މި ސީޒަނުގައި އަދި ބަލިވެފައި ނުވާ އިރު، އެޓީމު އެއްވަނައިގައި އޮތީ 23 މެޗުން 61 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގެ ދެވަނަ ހާފުގައި ގޯލުތައް ފެނިގެން ގޮސްފައިވާ އިރު، ބަޔާނަށް ފުރަތަމަ ލީޑު ނަގައިދިނީވެސް ހެރީ ކޭންއެވެ. އެ ގޯލުން ލީޑުގައި ބަޔާން އޮއްވައި، ލެއިޕްޒިގަށް އެއްވަރު ކޮށްދިނީ ބެންޖަމިން ސެސްކޯއެވެ.
މެޗުން ޕޮއިންޓެއް ލިބެން ދަނިކޮށް ބަޔާން ސަލާމަތްކޮށްދިނީ ވެސް 91 ވަނަ މިނެޓުގައި ކޭންއެވެ. އޭނާ މިހާތަނަށް މި ސީޒަނުގެ ލީގުގައި 27 ގޯލު ޖަހާފައިވާ އިރު، މި ސީޒަނަށް ބަޔާނަށް ބަދަލުވެ، 31 ގޯލު ޖުމުލަ ޖަހާފައިވެއެވެ.
ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ކޭން ބުނީ "ބަޔާން ހިތްވަރު ގެއްލުވާލައި، ދޫކޮށް ނުލާނެ،" ކަމަށެވެ. ކޭން ބުނީ ފަރަގު ބޮޑު ނަމަވެސް، ލީގު ރޭހެއްގައި ކަން ހިނގާނެ ގޮތެއް ނޭނގޭ ކަމަށާއި ރޭގެ މޮޅާއެކު ބަޔާނުން އެނބުރި ފޯމަށް އެޅޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ. ހާއްސަކޮށް ޓީމުގެ ރޫހު ރަނގަޅުވެއްޖެ ކަމަށް އިންގްލެންޑް ކެޕްޓަން ކޭން ބުންޏެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް