ހއ. ހޯރަފުށިން (ޢަލީ ޔާމީން، ވަން އޮންލައިން)
މި ސަރަހައްދުގައި (އިހަވަންދިއްޕޮޅުގައި) ހިންގާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫއު އަކީ ރާއްޖޭގައި ހިންގޭނެ އިގުތިސޯދީ އެންމެ ބޮޑު މަޝްރޫއު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ރަށަށް މިއަދު ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި އެގޮތުން ބައެއް ކުންފުނިތައް އެއްކުރައްވައި، އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި އަތޮޅު ތެރޭގައި، މި ސަރަހައްދުގައި ފަށާ މަޝްރޫއު އިރާދަކުރެއްވިއްޔާ ވެގެންދާނީ މި ރާއްޖޭގައި ފެށޭ އިގުތިސޯދީ އެންމެ ބޮޑު މަޝްރޫއުއަށް. މޯލްޑިވްސް އިނޮކޮމިކް ގޭޓްވޭ އެ މަޝްރޫއުއަށް އަޅުގަނޑުން މި ކިޔަނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫއުއާއެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުއާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެކި ކަހަލަގެ އިތުރު މަޝްރޫއުތައް ލިބިގެންދާނެ ކަމަށެވެ.
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫއުގެ ބިން މި އަހަރުގެ ތެރޭގައި ހިއްކަން ފައްޓަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވިއެވެ.
މެރިޓައިމް ހިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫއުގެ މާސްޓާ ޑިވެލޮޕާއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑެވެ.
އިހަވަންދިއްޕޮޅުން މި މަޝްރޫއަށް ކަނޑައަޅާ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑަށް ވަނީ ދީފައެވެ. އަދި މި މަޝްރޫއު ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށް ރައީސް ވަނީ ނިންމަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު