ހއ. ހޯރަފުށިން (ޢަލީ ޔާމީން، ވަން އޮންލައިން)

ދުނިޔޭގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ ކުންފުންޏަކާއެކުގައި ޖުލައި މަސް ނިމުމުގެ ކުރިން މި ސަރަހައްދުގައި (ބޮޑުތިލަދުންމަތީގައި) ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ރަށަށް މިއަދު ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ދުނިޔޭގައި އެންމެ ވަރުގަދަ ދިހަ ކުންފުނީގެ ތެރޭގައި ހިމެނޭ ވަރުގަދަ އެއް ކުންފުންޏާއެކުގައި މި ސަރަހައްދު (ބޮޑުތިލަދުންމަތި) ބަންކަރިންގެ ހިދުމަތަށް ވަންނާނެ ކަމަށެވެ.

"އެކަން އެހާ ހިސާބަށް ދިޔައީމާ ދެތިން މަހެއްގެ ތެރޭގައި އަޅުގަނޑުމެން އިންތިޒާރު މިކުރަނީ އެންމެ ލަސްވެގެން ޖުލައި މަސް ނިމުމުގެ ކުރިން އެ ވިޔަފާރި މިތާނގައި ފެށޭނެ ކަމަށް" ސައީދު ވިދާޅުވިއެވެ،

ސައީދު ވިދާޅުވީ، މި ސަރަހައްދުގައި ބަންކަރިންގެ ހިދުމަތް ފެށުމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖެއަށް ވަންނަ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ.

"ފޮރިން ކަރަންސީ، ފޮރިން އެކްސްޗޭންޖަށް ވަރަށް ބޮޑު އީޖާދީ ދޮރެއް ހުޅުވިގެން އެދަނީ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ބަންކަރިންގެ ހިދުމަތާއެކު މި ސަރަހައްދުގެ ރައްޔިތުން ޒަމާންތަކެއްވަންދެން އިންތިޒާރު ކުރަމުން އައި އެއް ކަންތަކަށް ނިމުމެއް އަންނާނެ ކަމަށާއި ބަންކަރިންގެ ހިދުމަތް މި ސަރަހައްދުގައި ފަށަން ދެން އޮތީ ދެތިން މަސް ކަމަށެވެ.

ސައީދު ވިދާޅުވީ މޯލްޑިވިސް އިންޑަސްޓްރިއަލް ފްރީ ޒޯންގެ ނަމުގައި ފްރީ ޒޯން ބަލަހައްޓާނެ ކުންފުންޏެއް ރަޖިސްޓަރީކޮށްފައިވާ ކަމަށާއި މި ރަށުގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދޫގެ ކުރިމަތީގައި އޮތް އިންޑަސްޓްރިއަލް ފަޅު އެ ކުންފުނީގެ އެސެޓަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި މި ރަށުގެ ފަޅުގައި ފަށާ މަޝްރޫއުގެ ބިން ހިއްކަން މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.

"އެކަމަށް ފައިސާ ހޯދުމަށް އަޅުގަނޑުމެން މިދަނީ ޔޫރަޕިއަން ބޭންކަކާ ވާހަކަ ދައްކަމުން. އެކަމުގެ ކުރިމަގު އިރާދަކުރެއްވިއްޔާ އެބަ ފެނޭ" ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދަރަނި މަދުކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށެވެ.