"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކާ ގުޅޭ މައްސަލަތައް ބެލުމަށް އާންމުންގެ އިތުބާރު ލިބިފައިވާ ކޮމިޓީއެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ސީދާ އެ މަނިކުފާނު ޖަވާބު ދެއްވުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ފޯރަމުގައި ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން ދޭން ނިންމި 4،000 ފުލެޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަތައް ބެލުމަށްފަހު އެ ކޮމިޝަނުން ގޮތެއް ނިންމައި، އެކަން ހައުސިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

"ދެން އަޅުގަނޑުމެން މިނިސްޓްރީ ތެރެއިން މުވައްޒަފުން ވެގެން ހަމައެކަނި ޗެކްކުރުމުގެ ބަދަލުގައި މިހާރު ކަނޑައަޅާފައި މިއޮތީ މުޖުތަމައުގެ ތެރޭގައި މީހުން ބަލައިގަންނަ އިތުބާރުކުރާ ފިގާސްތައް ހިމެނޭ ގޮތަށް ނޫނީ ރައްޔިތުންގެ ތެރޭގައި އިތުބާރު ލިބިފައިވާ ރަނގަޅު ބޭފުޅުންގެ މައްޗަށް ހިމެނޭ ކޮމިޓީއެއް ވެސް އުފައްދަން. މާނައަކީ އިތުބާރު ގެންނަން ބޭނުން އަޅުގަނޑުމެން ކުރާކަމެއް. އެއީ ސަރުކާރުގެ ތެރެއިން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ނަހަދާން ވެގެން. ރައްޔިތުން ވެސް އެބައެއްގެ ބަސް ގަބޫލުކުރާ ކަހަލަ ބޭފުޅުންކޮޅެއް މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދާފައި އޭސީސީން އެ ނިންމި ނިންމުން އެ ލިސްޓު އަޅުގަނޑުމެން ކޮމިޓީ ލައްވާ ބަލާނީ، މުރާޖާކުރާނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސަސް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީއަށް އަދިވެސް ލިބިފައިނުވާ ކަމަށެވެ. އެހެންވެ ފުލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި ލިސްޓާއި ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި ލިސްޓު ބެލެން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ފުލެޓް ނުލިބޭ މީހުންގެ ލިސްޓު އާންމުކުރަން ކަމަށާއި ނަމަވެސް ޕޯޓަލް އެކްސެސް ލިބިފައިނުވާތީ އެކަން އަދި ކުރެވޭ ގޮތް ނުވެފައިވާ ކަމަށެވެ.