ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ހިޔާލާއި ޝަކުވާ ފޮނުވަން ހާއްސަ ޕޯޓަލްއެއް އިފުތިތާހުކޮށްފިއެވެ.

މި މަހުގެ ފަސްވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހަށް އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވަނީ އެ މަނިކުފާނަށް ހިޔާލާއި ޝަކުވާ ހުށަހެޅުމަށް ރައީސް އޮފީހުގެ ތެރެއިން ހާއްސަ ޕޯޓަލްއެއް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޕޯޓަލްގެ ތެރެއިން ހުށަހަޅާ ޝަކުވާތަކާއި ހިޔާލުތަކަށް ޖަވާބު ދެއްވާނީ ސީދާ އެ މަނިކުފާނު ކަމަށްވެސް ވިދާޅުވިއެވެ.

''ރައްޔިތުންގެ އަޑު''ގެ ނަމުގައި ހަދާފައިވާ އެ ޕޯޓަލް ރައީސް މުއިއްޒު އިފުތިތާހު ކޮށްދެއްވީ އާންމުންގެ ސުވާލުތަކަށް ސީދާ އެ މަނިކުފާނު ޖަވާބު ދެއްވުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ފޯރަމުގެ ތެރެއިންނެވެ.

އެ ޕޯޓަލްގެ ވެބް އެޑްރެހަކީ citizensvoice.gov.mv އެވެ. އެ ޕޯޓަލްއަށް ލޮގިން ވާންޖެހެނީ އީފާސް މެދުވެރިކޮށެވެ.

ރައީސް އޮފީހުން ބުނީ، އެ ޕޯޓަލްއަކީ ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ފަރާތުން އޮޅުންފިލުވައިގެން، ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކުރެއްވުމަކީ ރައީސް ބޭނުންފުޅުވާ ގޮތް ކަމަށްވެސް ބުންޏެވެ.