އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން އިއްޔެ އާންމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ އަހަރު އެ ކުންފުންޏަށް ޖުމުލަ ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ 2022 ވަނަ އަހަރަށްވުރެ 172 މިލިއަން ރުފިޔާ ނުވަތަ ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ.
އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދުވެސް 2022 ވަނަ އަހަރަށްވުރެ އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތައް ދައްކައެވެ. އެގޮތުން 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 560 މިލިއަން ރުފިިޔާ ލިބުނު އިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 22 ޕަސެންޓް އިތުރުވެ، 685 މިލިއަނަށް އަރައިފައެވެ.
އުރީދޫން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަނީ ހިއްސާ ދާރުންނަށް ހިއްސާގެ ފައިދާއަށް 3.27 ރުފިޔާ ބެހުމަށެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމާފައިވާ އިރު، އެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު 200 ހިއްސާދާރުންނަށް ލިބޭނެ ކަމަށް ކަމަށް އުރީދޫން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު