މި އަހަރުގެ ރޯދަމަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ، ރޯދަމަހުގެ ފަހު ދިހައެއްގައިވެސް އެ ބޭންކުން ހިދުމަތް ދޭނެ ކަމަށެވެ. އެ ދިހަ ދުވަހު ހިދުމަތް ދޭނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށެވެ.

ބީއެމްއެލް އިން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް ރޯދަމަހު ލިބޭނެ ކަމަށް ބުންޏެވެ.

ބީއެމްއެލް އިން ބުނީ، ކަސްޓަމަރުންނަށް ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ނުވަތަ އާޔާ އަދި ފޭސްބުކް މެސެންޖާ އިން ލައިވް އޭޖަންޓަކާ ވާހަކަ ދައްކައިގެންވެސް ހިދުމަތް ހޯދޭނެ ކަމަށާއި އަދި ބީއެމްއެލް މޯބައިލް އެޕް، ވަޓްސްއެޕް، ވައިބާ އަދި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ބޭންކުގެ ހިދުމަތް ހޯދޭނެ ކަމަށެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކުގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ހޯދުމަށް އެދިފައެވެ.