ދުރުރާސްތާއަށް ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރުމަކީ މުޅި ރާއްޖެ ތަރައްގީ ކުރަން އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށާއި ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުގެ ތަރައްގީއާ އެކު ކުދި ރަށްރަށުގެ ރައްޔިތުން އަމިއްލަ އިހުތިޔާރުގައި އެ ސަރަހައްދުތަކަށް ހިޖުރަކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ގއ. އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވިލިނގިއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރައްޔިތަކީ ހަމަހަމަ ބައެއް ކަމަށާއި އެ މަނިކުފާނުގެ ކޮންމެ ރައްޔިތަކު ދެކެވެސް ލޯބި ވަނީ ހަމަހަމަކަމާއެކު ކަމަށެވެ. އާބާދީ ކުދި ރަށްރަށާއި ބޮޑެތި ރަށްތައް ތަފާތު ނުކުރައްވާނެ ކަމަށާއި ކުދި ރަށްތަކަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދެމެހެއްޓެވިނި ގޮތެއްގައި ރާއްޖޭ ތަރައްގީ ކުރުމުގައި އެކި ސަރަހައްދުތައް ތަރައްގީކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށާއި އޭގެ ސަބަބުން ދުރުރާސްތާގައި، ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކީގައި ތަރައްގީ ގެނެސްދެވޭނެ ކަމަށެވެ.

"މިހާރުން މިހާރަށް ކޮންމެ ރަށެއްގައި އެ ބޭނުންވާ ފުޓްސަލް ދަނޑާ، ސްކޫލާ، ހެލްތު ސެންޓަރު ހެދުމާ ބަނދަރު ހެދުމާ ކުރިއަށް ދާނެ. އެކަން ކުރަމުން ސަރަހައްދުތައް، މިއަތޮޅުގައި މި ރަށް، އެގޮތަށް އެކި ސަރަހައްދުތައް ތަރައްގީ ކުރެވޭނެ. ކުރެވުނީމަ ދުރު ރާސްތާއިން އެ ކުރެވޭ ކަންކަމަކީ، މިދެންނެވި ކުދިކުދި ރަށްރަށުގެ ރައްޔިތުންގެ އަމިއްލަ އިހުތިޔާރުގައި އެތަންތަނަށް ހިޖުރަ ކުރާނެ، ކޮށް ސެޓްލް ވާނެ. ސެޓްވެ، އެއީ އާމްދަނީ ގޮތުން ބެލިޔަސް، ތައުލީމީ ގޮތުން ބެލިޔަސް ސިއްހީ ގޮތުން ބެލިޔަސް އެކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެތީވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ރަށަކަށް ބޭނުންވާ ކަންކަން، އިގުތިސޯދު ހަރުދަނާ ކުރަމުން އަދި އާމްދަނީ އިތުރު ކުރަމުން އެކަންކަން ކޮށްދެއްވާނެ ކަމަށެވެ. އަދި އެއާއެކު ސަރަހައްދުތައްވެސް ތަރައްގީ ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެއީ 20 އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއް، ރައްޔިތުންގެ ހިޔާލު ހޯދައިގެން ހަދާ. އޭގެ ދަށުން އެކިއެކި އާބަން ސެންޓަރުތައް ކަނޑައަޅައިގެން ޒޯންތައް ކަނޑައަޅައިގެން ތަރައްގީ ކުރާނަމޭ، އޭގެ މުހިންމު ރަށެއް މިރަށަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވިލިނގިލި ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގަވައިދެއްވާނެ ކަމަށެވެ. އެގޮތުން އެއާޕޯޓުގެ މަޝްރޫއާއެކު ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ފެށިގެން ދާނެ ކަމަށާއި އަތޮޅު ހޮސްޕިޓަލާއި ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ވެސް ދާދި އަވަހަށް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް ފޯމު ހުށަހެޅުއްވި ވަގުތުން ފެށިގެން އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ދެމިހުންނަވާނެ ކަމަށާއި ފަރުވާކުޑަ ނުކުރައްވާނެ ކަމަށެވެ. އެ މަނިކުފާނަކީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރައްވާނެ ވެރިޔަކަށް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ހުރިހާ ވައުދެއް ފުއްދުމުގައި އަޅުގަނޑު މިހުރީ. އެންމެ ތަންފުކެއްވެސް ފަރުވާކުޑަ ނުކޮށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިދިޔަ ތިން މަހު ރައްޔިތުންނަށް ލިބުނު ތަޖުރިބާއިން، އެ މަނިކުފާނާ ހަވާލު ކޮށްފައިވާ ޒިންމާ އަދާކޮށްދޭނެ ވަރުގެ މަޖިލީހެއް ހޮވުމަށް އެދިވަޑައިގެންފައެވެ.