ރ. އަލިފުށި ފެނަކަ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތުގެ އަގު، ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ވެލްމޭން އާއި ފެނަކައާ ދެމެދު ރ. އަލިފުށި ފެނަކަ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމާގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު 30 އޭޕްރީލް 2022 ގެ ނިޔަލަށް އިތުރުކޮށްދީ އެކަން އެންގުމުން އެ ތާރީހަކަށް މަސައްކަތް ނިންމުމަށް ވަރަށްބޮޑު ހަރަދެއްކޮށް، މަސައްކަތް ކުރިއަށް ގެންދަނިކޮށް، ވެލްމޭން މޯލްޑިވްސްގެ ބަހެއްނެތި، ފެނަކައިން އެއްބަސްވުން އުވާލާފައިވާކަމަށް ބުނެ ވެލްމޭންގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ ފަރާތުން ބުނެފައި ވަނީ ފެނަކައިން އެއްބަސްވުމާ ހިލާފްވެފައިވާ ކަމަށެެވެ.

މި މައްސަލައިގައި ފެނަކައިން ބުނެފައި ވަނީ މި ދައުވާއަކީ އެއްބަސްވުމުގެ އުސޫލުތަކާ ހިލާފަށް، އެއްބަސްވުމުގެ ތަރަހައިން ބޭރުން، ނުހައްގު މާލީ މަންފާތަކެއް ހޯދުމަށް، އެއްވެސް އަސާސެއް ނެތި ހުށަހަޅާފައިވާ ދައުވާއަކަށްވާތީ، ފެނަކައިން ދައުވާއަށް ޒިންމާވާނެ އެއްވެސް ގާނޫނީ ހަމައެއް ނެތްކަމަށެވެ.

ދައުވާގައި ވެލްމޭންއިން އެދިފައިވަނީ ފެނަކައިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ވެލްމޭން އިން ކޮށްފައިވާ މަސައްކަތުގެ އަގު ނަގައިދީ، ފެނަކައިން އެއްބަސްވުމާ ހިލާފުވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

މިދައުވާގައި ވެލްމޭން މޯލްޑިވްސް އިން ބުނެފައި ވަނީ ނިމިފައިވާ މަސައްކަތަށް ޖުމުލަ 4.6 މިލިޔަން ލިބެންޖެހޭއިރު ލިބިފައި ވަނީ 3.5 މިލިޔަން ރުފިޔާ ކަމަށާއި، ބާކީ ނުލިބި އެއް މިލިޔަން ރުފިޔާ އެބައޮތް ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު، ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ، ވެލްމޭން އިން ކޮށްފައިވާ މަސައްކަތުގެ އަގަކީ ފެނަކައިން ދޭން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތުގެމަތިން ކުރި މަސައްކަތުގެ ފައިސާ ހޯދުމަށް ވެލްމޭންއިން ހުށަހަޅަން ޖެހޭ ބިލްތައް 20 މާޗްގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަނަށް ހުށަހެޅުމަށް ވެލްމޭން އަށް އަންގާކަމަށްވެސް ހުކުމްގައިވެއެވެ. އެ ބިލުތައް ހުށަހަޅާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މަސައްކަތުގެ އަގު ވެލްމޭންއަށް ދެއްކުމަށް ފެނަކަ ކޯޕަރޭޝަނަށް މި ހުކުމުން ވަނީ އަންގައިފައެވެ.