ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަގާމު ހުސްވެފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން އެ މަގާމަށް ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އާމިނަތު ނުޒުހާ އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ މެމްބަރެއްގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސަކަށް ވެސް ހުންނެވި އަހުމަދު ގައިސް 2022ގެ ފަހުކޮޅުގައި އިސްތިއުފާ ދެއްވުމުންނެވެ. ގައިސް އިސްތިއުފާ ދެއްވާފައިވަނީ ސިޔާސީ މަސައްކަތުގައި އުޅުއްވުމަށެވެ.

އެ މައްސަލަ ދިގުލައިގެން ގޮސްފައިވަނީ، އެ މަގާމަށް އައްޔަން ކުރި މީހުންގެ ނަންތައް ދިރާސާ ކުރި މިނިވަން މުއައްސަސާ ކޮމިޓީގައި ވޯޓް އެހި ގޮތުގެ ސުވާލު އުފެދިފައިވުމުން އޭރު ރިޔާސަތުން އަނބުރާ އެ މައްސަލަ ކޮމިޓީއަށް ފޮނުވުމުންނެވެ.

މިއަދުގެ ޖަލްސާއަށް އެ މައްސަލައިގެ ކޮމިޓީ ރިޕޯޓް ފޮނުވާފައިވާ އިރު، މިއަދުގެ ޖަލްސާގައި ވޯޓަށް ފުރަތަމަ އެހީވެސް ނުޒުހާއަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ނުޒުހާ އައްޔަނުކުރުމުގެ ވޯޓުގައި ބައިވެރިވި 34 މެމްބަރަކު ވަނީ އޭނާއަށް ރުހުން ދޭން ވޯޓު ދެއްވައިފައެވެ.

މަޖިލީހުގެ ރިޔާސަތުން ނިންމީ، ނުޒުހާގެ ނަން ފާސްވީ ކަމަށް ބަލައި، ކުރިންވެސް އަމަލު ކުރަމުން އަންނަ އުސޫލުން، ދެން ހުރި ނަންތަކަށް ވޯޓަކަށް ނޭހުމަށެވެ.