ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގދ. ގައްދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެ ރަށު ކައުންސިލުން ބައިވެރިނުވުމުން، އެމަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ގައްދޫ ރައްޔިތުންނާއެކު މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަރަށް ގިނަ ކައުންސިލުތަކާ ބައްދަލުކުރެއްވިފައިވާ ކަމަށެވެ. ނަމަވެސް، ގައްދޫ ކައުންސިލުގެ އެއްބާރުލުން ލިބުނީ ވަރަށް ކުޑަކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު ގައްދޫ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގެ އެޖެންޑާގައި ވެސް ރަށުގެ ކައުންސިލުގެ ފަރާތުން ކައުންސިލްގެ ރައީސް ވާހަކަ ދައްކަވަން އޮތް ކަމަށެވެ. އަދި އެ މަނިކުފާނުގެ ދަތުރުފުޅުގައި ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ވެސް ބައްދަލުވުން ބާއްވާ އިރު ރަށުގެ ފަރާތުން ކައުންސިލުގެ ރައީސް ނޫނީ މޭޔަރު ވާހަކަފުޅު ދައްކަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަދާ ހަމައަށް އައި އިރުގައި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން މުޅިން ހިޔާލު ތަފާތު ޕާޓީ، އެމްޑީޕީގެ ކައުންސިލުތަކުގެ ރައީސުން، މޭޔަރުން ފެނިވަޑައިގަންނަވާނެ ހުރިހާ ރަށްރަށެއްގައި ވަރަށް ފުރިހަމަ އަށް ބައިވެރިވެ ވަޑައިގެންނެވި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ ގޮތުން އިންތިހާބު ތެރޭގައި ވާދަވެރިކަން އޮތް ނަމަވެސް، އެމަނިކުފާނު ވެސް އަދި ކައުންސިލަރުން ވެސް މަގާމާ ހަވާލުވަނީ އެމީހަކު ނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި، ހަމަހަމަކަމާ އެކުގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ.
"ހަމަހަމަކަމާއެކީގައި އެމީހަކު އެ ނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި، ހަމަހަމަކަމާއެކީގައި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ހުވައެއްކޮށްގެން މި ހަވާލުވަނީ. އަޅުގަނޑު ވެސް އެ ހުވާ ކުރީ، ކައުންސިލަރުން ވެސް އެ ހުވާ ކުރައްވަނީ. އެހެންނަމަވެސް މި ރަށުން މި ފެންނަ މަންޒަރާ ދޭތެރޭ ހިތާމަކުރަން،" ރައީސް ވިދާޅުވިއެވެ.
ގައްދޫ ކައުންސިލުން އަމަލުކުރި ގޮތަކީ ލާމަރުކަޒީ ނިޒާމެއް ހިނގަންޖެހޭ ގޮތް ނޫން ކަމަށާއި އެއަށް ވުރެ ޒިންމާދާރުވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ރައްޔިތުން އިންތިހާބެއްގައި މީހަކު ހޮވާއިރުގައި އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރަން ޖެހޭނެ. ސިޔާސީ ފިކުރާއި ސިޔާސީ ވިސްނުމަކީ ހުރަހަކަށް ހަދައިގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ ހައްގުގައި ހިދުމަތްކުރައްވާނެ ބޭފުޅުން ހޮވުމަށް ގޮވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު